މިދިޔަ އަހަރު ރިލީޒްކުރި "ޝޭރްޝާހް" އަށްފަހު ކިއަރާ އަދުވާނީއާއި ސިދާތު މަލޯތްރާ އަނެއްކާވެސް ލޯބީގެ ފިލްމަކަށް ތައްޔާރުވެއްޖެއެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު އަރާފައިވާ މި 2 ތަރިން މިހާރު ވަނީ މި ފިލްމުގެ ސްކްރިޕްޓުވެސް ކިޔާފައެވެ. އަދި ވަރަށް އަވަހަށް ފިލްމަށް ސޮއިކުރާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފިލްމާއިބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއްނުކުރެއެވެ.
ސިދާތާއި ކިއަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތައް އަޑުއިވުނު ނަމަވެސް ދެ މީހުންކުރެ އެކަކުވެސް މިއަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ސިއްރުން ނަމަވެސް ކިއަރާ ސިދްގެ ގެއަށް ދާތަން ޕަޕަރާޒީންނަށް ވަނީ ވަރަށް ގިނައިން ފެނިފައެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ އަހަރު އޯގަސްޓުމަހު ރިލީޒްކުރި "ޝޭރުޝާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކާރގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަތުރާގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ. ވިކްރަމްގެ ރޯލުން ސިދާތް ފެނުނުއިރު ކިއަރާ ފެނުނީ ވިކްރަމްގެ އަންހެނުން ޑިމްޕަލް ޗީމާގެ ރޯލުންނެވެ.
މި ފިލްމަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މި އަހަރުގެ އައިފާ އެވޯޑުން އެންމެ ގިނަ އެވޯޑުވެސް ލިބުނީ "ޝޭރުޝާ" އަށެވެ.
ވިދިވިދިގެން ކާމިޔާބު 2 ފިލްމު ދޫކޮށްލުމަށްފަހު ކިއަރާގެ ކުރިއަށްހުރި ފިލްމުތަކަކީ "ގޯވިންދާ ނާމް މެރާ" އަދި ކާތިކް އާރިޔަން އާއިއެކު ކުޅޭ ލޯބީގެ ފިލްމެކެވެ. މިއަހަރު ރިލީޒްކުރި ކިއަރާގެ ކާމިޔާބު 2 ފިލްމަކީ "ބޫލް ބުލައްޔާ 2" އަދި "ޖުގް ޖުގް ޖިޔޯ" އެވެ.
ސިދާތު ކުރިއަށް ސޮއިކޮށްފައިހުރި ފިލްމުތަކުގެ ތެރޭގައި ދިޝާ ޕަޓާނީ އާއި ރާޝީ ކަންނާ އާއިއެކު ފެންނަ ފިލްމު "ޔޯދާ"، ރަޝްމިކާ މަންދަން ފެންނަ "މިޝަން މަންޖުނޫ" އަދި ރޯހިތު ޝެޓީގެ "އިންޑިއަން ޕޮލިސް ފޯސް" ހިމެނެއެވެ.