މިދިޔަ ހަފްތާގައި ރާއްޖެއިން 1202 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުން ރާއްޖޭގައި އިތުރުވަމުންދާއިރު ޕޮޒޓިވްވަމުންދާ ކޭސްތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ހިމެނޭތީ އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 1202 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މީގެ ކުރީ ހަފްތާގައި ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މީގެ ކުރީ ހަފްތާގައި ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން 528 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 452 މީހުންނެވެ. އަދި އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 222 މީހުންނެވެ. ކޯވިޑްޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 51 މީހަކުވަނީ އެޑްމިޓްކޮށްފައެވެ.
ގިނަ މަސްތަކަށް ފަހު ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖޭގައި ކޯވިޑް ބަލީގައި އިތުރު ބަޔަކު ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 305އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 181586 އަރާފައެވެ.
✳️ COVID-19 : Case Updates pic.twitter.com/DCYmcB3EXR
— Health Protection Agency (@HPA_MV) June 27, 2022
ކޯވިޑް ބަލި އިތުރުވަމުންދިޔުމާއި ގުޅިގެން ބޭރުތެރޭގައި އުޅޭއިރު މާސްކްއެޅުމަށާއި ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ކުރިއަށްއޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުމުގައާއި ޢީދު ޙަރަކާތްތައް ބޭއްވުމުގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީވެސް މުހިއްމުކަމެކެވެ.