ޚަބަރު

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު 21އަށް


މިދިޔަ ހަފްތާގެ އަންގާރަދުވަހުގެ ހެދުނު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ޙަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު 2 މީހަކު މިމަހުގެ 25 ވަަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. މިއެންމެންވެސް ކޯޓަށް ހަޒިރު ކުރުމުން ކޯޓުންވަނީ އެކި މުއްދަތު ޖަހައި ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމްކޮށްފައެވެ. އެ ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވައެވެ.