މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީކަމަށްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 17 އަހަރު ފުރިފައިވާއިރު، ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައިވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ. އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްބޭފުޅުން ދަނީ ޕާޓީގެ އާންމު މެމްބަރުންނަށާއި، އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކަށް ފޮނުވަމުންނެވެ.
އެމްޑީޕީގެ މިވީ 17 އަހަރުގެ ތެރޭގައި އެޕާޓީއަކީ ސިޔާސީ ގޮތުން އެންމެ ކާމިޔާބު އެއްޕާޓީއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2018ގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކޯލިޝަނުންނެވެ. ދިވެހިން މިއަދު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ ގެނައުމަށް ކުރެވުނު މަސައްކަތުގައާއި، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއްޕާޓީއަކީވެސް އެމްޑީޕީއެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީގެ ހަރުގޭގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާއިތުވެދިޔަ 17 އަހަރު އެމްޑީޕީން ރާއްޖޭގެ ޑިމޮކްރަސީއަށް ކުރި މަސައްކަތްތައް ފާހަގަ ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީގެ 17 އަހަރުގެ ކާމިޔާބު އަދި ގޮންޖެހުން ބޮޑު މަސައްކަތަށްފަހު ކުރިއަށް އޮތް ދުވަސްތަކަކީ އެޕާޓީން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާނެ ދުވަސްތަކެއްކަމަށް ޕާޓީގެ މިހާރުގެ ލީޑަރޝިޕުން ވިދާޅުވެއެވެ. ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުންކަމަށެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކޮށް، ރޮޒޭނާ ވިދާޅުވީ އެމަސައްކަތުގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި، މުޅި ލީޑަރޝިޕްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
އަދި މިހާރުގެ ވެރިކަމުގައި އެމްޑީޕީން މުޅި ރާއްޖެއަށް ގެނެސްފައިވާ ތަރައްޤީގެ ކުރިއެރުންތަކާއި، މުސްތަގުބަލުގައި އެކަން ދެމެހެއްޓުމަށްޓަކައި އެމްޑީޕީގެ ކޯލިޝަން ވެރިކަމެއް އޮތުމަކީ ދިވެހި ރައްޔިތުންނަށް އެންމެފައިދާ ހުރި ގޮތްކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އާލީޑަރޝިޕުން ޕާޓީ ހިންގުމަށް ގެނެސްފައިވާ ބަދަދުލުތަކާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ޖަގަހަތަކުގެ ހަރަކާތްތައް ފުޅާވެގެންދާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.