ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 5ވަނަ އެޕިސޯޑް މިމަހުގެ 30 ގައި ބޭއްވެވުމަށް ނިންމަވައިފިއެވެ.
ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 30 ޖޫން 2022 ވަނަ ދުވަހުގެ ރޭގަނޑު 9:00ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ އެޕިސޯޑްތައް ކުރިން ކުރިއަށްގެންގޮސްފައިވަނީ ކޮންމެވެސް ވަރަކަށް އާއްމުންނަށް ސްޓޫޑިއޯއަށް ވަނުމުގެ ފުރުޞަތުދީގެންނެވެ.
މިޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. އަދި މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސާފައެވެ.
ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 30 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ.
މީގެ އިތުރުން، ކްލަބް ހައުސް މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއްގެ ނަން އަދި ކްލަބް ހައުސް އެކައުންޓުގެ ނަން މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަށް ފޮނުއްވުމަށް މަޖިލިސް އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށްވެސް އެ އިދާރާއިން އެދިވަޑައިގެންފައިވެއެވެ.
"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ 5 ވަނަ އެޕިސޯޑެވެ.