ކުނީގެ މައްސަލައަށް ޙައްލުގެނައުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ޒަމާނީ އެކި އުކުޅުތަކާއެކު މަސައްކަތް ކުރަމުންނެވެ. ކުނިން ހަކަތަ އުފެއްދުމާއި ކުނިން ނަފާ ލިބޭނެ ގޮތްތަކާއެކު ކުނީގެ ބޭނުން ކުރެވޭނެ މަގުތައްވެސް ހޯދަމުންނެވެ. ކުނި ވަކިކޮށް ބައިބަޔަށް އަޅާ ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށްވެސް މަސައްކަތްތަކެއް އެބަކުރެވެއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ކުނި ވަކިކޮށްގެން ނަގަން ފެށުމާއެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުނި ނެގުމުގެ މަސައްކަތްމިވަނީ ޤާނޫނުގައި ބަޔާންކުރާގޮތަށް ބައިބަޔަށް ވަކިކޮށްގެން ނަގަން ފަށާފައެވެ. މާލެ ސަރަޙައްދުން ކުނި ވަކިކޮށްގެން ނަގަން ފެށިތާ ދެހަފްތާ ފަހުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އާމިނަތު ޝައުނާވަނީ މިމަސައްކަތުގެ ނަތީޖާ ފެންނަ ހީޓްމެޕެއްގެ ފޮޓޯއަކާއެކު ޓުވީޓެއް ކުރައްވާފައެވެ. މިމެޕުން ފެނިގެންދިޔަ އެންމެ ބޮޑު ހަޤީގަތަކީ ސަރުކާރުން ތަންފީޒުކުރަމުންދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަން ބޭނުންވާ އަދި އެކަމަށް އެއްބާރުލުން ދޭ ރައްޔިތުން ނިސްބަތުން އިތުރުކަމެވެ.
މެޕުގައި ފެހިކުލައިން ފެންނަނީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް އެންމެ ރަނގަޅަށް ކުނި ވަކިކޮށްގެން ނެރޭ ގޭބިސީތަކެވެ. މީގެތެރޭގައި ހިމެނެނީ ހެންވޭރާއި ގަލޮޅުގެ އިތުރުން މަދުންނަނަވެސް މާފަންނުގެ ގޭބިސީތަކެވެ. ރީނދޫކުލައިގައި ފެންނަނީ ކުނި ކޮންމެވެސް ވަރަކަށް ބައިކޮށްގެން ނެރޭ ގޭބިސީތައް ކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކެވެ. ކުނިވަކިކޮށްގެން ނެރެން މަސައްކަތްކުރާ ކަމަށް ބެލެވޭ އެންމެ ގިނަ ގޭބިސީތަކެއް ހުރީ ހެންވޭރާއި ގަލޮޅުގައި ނަމަވެސް މާފަންނުގައިވެސް ކޮންމެވެސްވަރަކަށް މިގޮތަށް ފާހަގަކުރެވުނު ގޭބިސީތައް ހުރިކަމަށް މެޕުން ދައްކައެވެ. އަދި ރަތްކުލައިން ފެންނަނީ އެއްގޮތަކަށްވެސް ވަކިނުކޮށް ނެރެމުންދާ ސަރަޙައްދުތައް ކަމަށް ފާހަގަވެފައިވާ ސަރަޙައްދުތަކެވެ. މިގޮތަށް އެންމެ ގިނައިން ހުރިކަމަށް ފާހަގަވެފައިވަނީ މައްޗަންގޯޅިއާއި މާފަންނުގައެވެ.
ހުޅުމާލޭގެ ހީޓްމެޕްތަކުންވެސް ފެންނަނީ އެތެރެއަށްވާ ގޮތަށް ހުރި ގިނަ ގޭބިސީތަކުން ކުނިވަކިކުރުމަށް މަސައްކަތްކޮށް ކޮންމެވެސް ވަރަކަށް ކުނި ވަކިކޮށްފައި ހުންނަކަމެވެ. އެހެންނަމަވެސް ބީޗް ފްރޮންޓްގައި ހުންނަ ތަންތަން ބޮޑަށް ފާހަގަވެފައިވަނީ އެއްގޮތަކަށްވެސް ކުނި ވަކިނުކޮށް ނެރެފައި ހުންނަކަމެވެ. އަދި ހުޅުމާލޭގައިވެސް ބައެއް ސަރަޙައްދުތަކުގައި ކުނި ވަރަށް ރަނގަޅަށް ބައިކޮށްގެން ނެރޭކަންވެސްވަނީ ފާހަގަވެފައެވެ.
މިވޭތުވެދިޔަ ދެހަފްތާގައި ކުނި ވަކިކުރުމުގައި ޢާއްމުންގެ ފަރާތުން ފެންނަ އެއްބާރުލުން ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލައިގަންނަމުންނެވެ. ބޮޑު ބަދަލަކާއި ދިމާލަށް އެޅި ފުރަތަމަ މިފިޔަވަޅުގައިވެސް ރައްޔިތުންގެ ބޮޑު އިންސައްތައަކުން އެއްބާރުލުން ދިނުމުން އެނގިގެންދަނީ މިމައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުކަމެވެ.
ކުނި ވަކިކޮށްގެން ނެރެން ފެށި ހިސާބުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ޕްލާސްޓިކްގެ ބާވަތްތައް އިތުރުކަމެވެ. އެހެންކަމުން ވިޔަފާރިތަކާއި ޢާއްމުން އެކުގައި ތެދުވެ ޕްލާސްޓިކްގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުން މަދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.