އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި، ތާއީދުކޮށް ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ވަޒީރެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިސްޓަރ މާރިޔާގެ ތާއީދު ރައީސް ޞާލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޞާލިހު އިންތިޚާބުވުމަށްފަހު އަދާއި ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަރޝިޕް ކޮލިޓީއާއި ޤައުމު ހިންގުމުގެ ގާބިލްކަން ދައްކަވާފައިކަމަށެވެ.
I have worked with HEP @ibusolih as part of his cabinet from 17 Nov 2018 & found him to be a great team leader, patient, willing to listen with an open mind but decisive when needed. I fully endorse him and support his candidacy in his presidential bid for 2023.
— Mariya Didi ? (@MariyaDidi) June 14, 2022
ރައީސް ޞާލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއެކު މަސައްކަތްކޮށް، ޤައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޤައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މާރިޔާ ރައީސް ޞާލިހަށް ތާޢީދު ކުރައްވާނެ ކަން ހާމަކުރެއްވިއިރު އެންމެފަހު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.