ޚަބަރު

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސަކަށް ސުއޫދު


ހުސްވެފައިވާ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޢައްޔަން ކުރައްވައިފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ކަމުގެ މަގާމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމުގެ މަޤާމު ހުސްވުމާއި ގުޅިގެން އެޖަމްއިއްޔާގެ ހިންގާ ކޮމެޓީންވަނީ އެމަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. ހިންގާ ކޮމެޓީން ނިންމި ގޮތަށް ޖަމްއިއްޔާގެ ރައީސްކަން ސުއޫދު ވަނީ ގަބޫލުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާ ހުސްނުއްސުޢޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިހު އެކުލަވާލެއްވި ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުވެސް ސުއޫދު ފުރުއްވާފައިވެއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ.