ބ. ކަމަދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ހަދަންޖެހޭ ސާވޭގެ އަމަލީ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އާރު.ޑީ.ސީ އާއި ހަވާލުކޮށްގެން މިސާވޭ ކޮށްފައިވަނީ ދަނޑު ލެވަލް ކުރުމަށް ވެލި އަޅަން ޖެހޭ މިންވަރު ދެނެގަތުމަށާއި ދަނޑު އޮންނަ ސަރަހައްދުގެ ފެނުގެ ފުންތިލަ މިން ބެލުމަށް ކަމަށް އާރުޑީސީއާއި ހަވާލާދީ އެރަށު ކައުންސިލުން ބުނެއެވެ.
އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ފެށުމަށް އާރުޑީސީން ތައްޔާރުވަމުން ދާކަމަށެވެ. މިހާރު ދަނޑު ހިމެނޭ ސައިޓް އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓސް އެންޑް ކޮމިއުނިޓީ އެންޕަވަމަންޓްއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ރުފިޔާއަށް މިދިޔަ މޭމަހުގެ ތެރޭގައެވެ.