ޚަބަރު

ލޭބަރ ރިލޭޝަން އޮތޯރޮޓީގެ ގޮތްޕެއް ބ.އަތޮޅުގައި ޤާއިމްކުރަނީ


ލޭބަރ ރިލޭޝަން އޮތޯރޮޓީގެ ގޮތްޕެއް ބ.އަތޮޅުގައި ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ބ.އަތޮޅުގެ ފަރާތުން ސޮއިކުރެއްވީ އެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙެވެ. ލޭބަރ ރިލޭޝަން އޮޓޯރޮޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަޙްމަދު މިޒްހަތު ނަޢީމެވެ.

ލޭބަރ ރިލޭޝަން އޮތޯރޮޓީގެ އެސިސްޓެންޓް ޑިރެކްޓަރ ހޫދު އައްބާސް އަޙްމަދު ވިދާޅުވީ އަތޮޅުތަކުގައި އެ އޮފީހުގެ ގޮފިތައް ގާއިމުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުންކަމަށާ މީ މިގޮތައް އެއްބަސްވުމަކަށް އާދެވުނު ތިންވަނަ އަތޮޅުކަމަށެވެ. ބ.އަތޮޅުގެ އިތުރުން ރ.އަތޮޅާއި ށ.އަތޮޅުގައި ގޮފި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި އެ ތަންތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު އިއުލާންކޮށްފައި ވާކަމަށް ހޫދު ވިދާޅުވިއެވެ.

ވަޒީފާއާބެހޭ މައްސަލަ ތަކަކީ ބޮޑެތި މައްސަލަތަކެވެ. އަދި މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށާ، އެހެން ކަމުން ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މި ފަދަ ގޮފިތަކެއް އަތޮޅުތެރޭގައި ޤާއިމްކޮށް ޚިދުމަތް ދޭން ފެށުމުން ޚިދުމަތް އަވަސްވުމާއި މައްސަލަތައް ހުށައެޅުމަށް ފަސޭހަވެގެން ދާނެކަމަށް ހޫދު ވިދާޅުވިއެވެ.

"ވަރަށް ގިނަ ޢަދަދަކަށް އަތޮޅުތަކުން މައްސަލަ ހުށަހެޅޭ. އެކަންކަމަށް ޖަވާބުދާރިވުމުގައި ލަސްތަކެއް ކުރިމަތިވޭ. ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ މި ގޮފިތައް އަތޮޅުތެރޭގައި ޤާއިމްކުރުމުގެ މައިގަނޑު ބޭނުން." ހޫދު ވިދާޅުވިއެވެ.

މިރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެއަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ، މި އެއްބަސްވުމަކީ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފުޅާކުރުންކަމަށާ، ރައްޔިތުންނަށް ލިބެންނެތް މިފަދަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށެވެ. ކައުންސިލްތަކުން މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އެއްބާރުލުމަށް އަފްރާޙްވަނީ ޝުކުރުއަދާކުރައްވާފައެވެ. ވަޒީފާގެ މާޙާއުލުގައި ދިމާވާ އެންމެހާ ކަންކަން ފަސޭހަކަމާއެކީ ހައްލުކުރުމަށް މި ޔުނިޓް މެދުވެރިކޮށް ކަންތައްތަކެއް ކުރެވިގެންދާނެކަމަށް އަފްރާޙް ވިދާޅުވިއެވެ.

"މިކަމުން ލިބޭ އުފަލަކީ ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ލިބިގެންދާނެ. މިހާރު ދާންޖެހެނީ މާލެ އެކަމު މިގޮފި ޤާއިމްވުމުން މިއަތޮޅުގެ ހިނގާ މިފަދަ އެންމެހާކަންކަން ބަލަހައްޓާނީ މި އިދާރާގައި ޤާއިމްވެފައިހުރި ލޭބަރރިލޭޝަން އޮތޯރޮޓީގެ ގޮފިން. މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން ދާތީ އެފަދަ ކަންކަން ހައްލުކުރުމަށް ލިބުނު ބޮޑު ލުޔެއްކަމަށްދެކެނީ." އަފްރާޙް ވިދާޅުވިއެވެ.

މިގޮފިތައް ހިންގާނީ ލޭބަރ ރިލޭޝަންގެ ބެލުމުގެ ދަށުން އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. މިހާރު އެފަދަ މައްސަލައެއް ހުށައަޅަފިނަމަ އެ ތަނަކަށް ނުވަތަ އެމައްސަލައަކަށް ހާޒިރުވާންޖެހެނީ މާލޭގައި ހުންނަ މައި އިދާރާއިންނެވެ.

އަތޮޅު ތެރޭގައި ގޮފިތައް ޤާއިމްކުރުމުން އަތޮޅުތެރެއަށް ހުށައެޅޭ މައްސަލަ ތައް ބަލާނީ އެއަތޮޅެއްގައި ޤާއިމްވެފައި ހުންނަ ލޭބާރ ރިލޭޝަން ޑެސްކުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި މުވައްޒަފުން ނެގުމުގެ މަސައްކަތް މިފެށޭ ހަފްތާތެރޭގައި ފެށޭވަރުވާނެކަމަށާ، މުވައްޒަފުންނަގާ އެފަރާތްތަކަށް ތަމްރީން ދިނުމަށްފަހު މިޙިދުމަތް ރަސްމީކޮށް މިއަތޮޅުގައި މިއަހަރު ފެށިގެންދާނެކަމަށް ލޭބަރ ރިލޭޝަން އޮތޯރޮޓީން ވިދާޅުވެއެވެ.