މުނިފޫހިފިލުވުން

އަރުޖުން، މަލައިކާގެ ކައިވެނި ވިންޓާ ތީމަށް


ބޮލީވުޑްގެ މަޝަހޫރު ތަރިންތަކެއްގެ ކައިވެނިކޮށްފައިވާ މި އަހަރު އަނެއްކާވެސް އިތުރު ކައިވެންޏެއްގެ ވާހަކަ މިހާރު އަންނަނީ ދެކެވެމުންނެވެ.

ޒުވާން އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނީގެ ވާހަކަ މީގެކުރިންވެސް ވަނީ ދެކެވިފައެވެ. ނަމަވެސް މި ދެމީހުން މިއަހަރު ކައިވެނި ކުރާނެކަމަށް ދެ މީހުންގެ ގާތް މީހަކު މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ބުނިގޮތުގައި އަރުޖުން އާއި މަލައިކާ އަކީ ވަރަށް ލޯބިން އުޅޭ ދެމީހުން ކަމަށާއި މިހާރު ދެ މީހުންވެސް ބޭނުންވަނީ އެ ގުޅުން ވަރުގަދަކޮށް ކައިވެންޏާއި ހަމައަށް ދާންކަމަށެވެ.
އަދި ދެ މީހުންނަކީވެސް ފިނި މޫސުމާއި މާ ގަޔާވާ ދެމީހުން ކަމަށާއި ކައިވެނި ކުރާނީ ވިންޓާ ތީމަށް އެކުވެރިޔާ ވަނީ ބުނެފައެވެ. މިއަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ކުޑަ ހަފްލާއަކާއިއެކު އަރުޖުން އާއި މަލައިކާ ކައިވެނި ކުރާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މަލައިކާއަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2015 ގައި ރޫޅިފައި ވާއިރު، ލިބިފައިވާ ދަރިފުޅު އަރްހާން ހާންގެ އުމުރުން މިހާރު 15 އަހަރެވެ.

މަލައިކާ އާއި އަރްޖުންގެ ލޯބީގެ ވާހަކަ ދެކެވެން ފެށީ ވަނީ އޭނާގެ ކައިވެނި ރޫޅުނު ހިސާބުންނެވެ. މި ދެމީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާއިންވެސް ރުހުން ދީފައިވާ ކަމަށް މަލައިކާ މީގެކުރިން ވަނީ ބުނެފައެވެ.

މިއަހަރު ބޮލީވުޑްގައި ކޮށްފައިވާ ކައިވެނި ތަކަށް ބަލާއިރު ކެޓްރީނާ ކައިފް އާއި ވިކީ ކޯޝާލްގެ ކައިވެންޏާއި، ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި އަދި ފަރްހާން އަޚްތަރާއި ޝިބާނީ ދަންދޭކަރްވެސް ގެ ކައިވެނިވެސް ހިމެނެއެވެ.