މުނިފޫހިފިލުވުން

ކިތަންމެ ބޮޑު އަގެއް ދިނަސް ޖެކްގެ ރޯލެއް ދެން ނުކުޅޭނަން - ޑެޕް


ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން"ގެ ފިލްމުތަކުން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ރޯލުން ފެނުނު ޖޯނީ ޑެޕް ދެން އެ ސިރީޒުން ނުފެންނާނެކަން ނުފެންނާނެކަން ޑިޒްނީން މީގެކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޑިޒްނީން އެހެން ބުނިތާ އެތައް ދުވަހެއް ފަހުން އަނެއްކާވެސް އެ ވާހަކަތައް މިވަނީ ދެކެވެން ފަށާފައެވެ. މިވާހަކަތައް އަލުން މިދެކެވުނީ ޑެޕްގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ބޮޑު މައްސަލަ ގަޑުގެތޭރޭގައެވެ.

މި މައްސަލާގައި ކޯޓުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޑެޕް ބުނެފައިވަނީ ޑިޒްނީން ދެން ކިތަންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން"ގެ އެއްވެސް ފިލްމެއް ދެން ނުކުޅޭނެކަމަށެވެ. ކޯޓުން ޑެޕް އާއި ސުވާލު ކުރީ 2018 ވަނަ އަހަރު އެމްބާ އޭނާއަށް ކުރި ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަމަށް ޑެޕް ބުނުމުންނެވެ. ނަމަވެސް އެމްބާގެ ވަކީލު ބުނަމުން ދަނީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އިން ޑެޕް ވަކިކުރީ މި މައްސަލަ ކޯޓުގައި ފެށުމުގެ މާ ކުރިން ކަމަށެވެ.

ހޮލީވުޑްގެ މަޝްހޫރު ކަޕަލެއްގެ ގޮތުގައި މީގެކުރިން ފާހަގަވެފައިވާ ޖޯނީއާ އަންހެނުން އެމްބާ ހާޑްގެ މި މައްސަލަގަނޑުގައި ދެ މީހުންގެ ފަރާތުން ވެސް އެކި ތުހުމަތުތައް ވަނީ ކޮށްފައެވެ.

ޖޯނީ ޑެޕް މައިގަނޑު ކެރެކްޓާ ކުޅެމުން ދިޔަ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އައު ފިލްމުން ދެން ފެންނާނީ މާގޯ ރޮބީ އެވެ. މި ފިލްމުގެ މަސައްކަތް 2019 ވަނަ އަހަރު ވަނީ ފަށާފައެވެ.

ޑެޕް ކުޅުނު އައިކޮނިކް ކެރެކްޓާ ޖެކް ސްޕެރޯއަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އާންމުންގެ މެދުގައި މަގުބޫލުވުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރި ރޯލެކެވެ. އަދި އެ ކެރެކްޓަރ 14 އަހަރު ވަންދެން ކުޅެފައިވާތީ، ގިނަ ބަޔަކަށް ޑެޕާ ނުލައި ޖެކް ސްޕެރޯ ތަސައްވަރުކުރަން ވެސް އުނދަގުލެވެ. އެހެންވެ ޑިޒްނީގެ ނިންމުމަށް "ޕައިރޭޓްސް"ގެ ވަރަށް ގިނަ ފޭނުން ވަނީ ކުރިން ވެސް ފާޑު ކިޔައިފަ އެވެ.

"ޕައިރޭޓްސް" ގެ އައު ފިލްމުން ޑެޕަށް ފުރުސަތު ނުދޭން ޑިޒްނީން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފަހަކަށް އައިސް ޑެޕްގެ ޒާތީ ދިރިއުޅުމާއި ފިލްމީ ކެރިއަރަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކާއި ހެދި އޭނާއާ އެކު މަސައްކަތް ކުރަން މިހާރު ބޮޑެތި ސްޓޫޑިއޯތަކުން ބޭނުން ނުވަނީއެވެ.

މި ފިލްމުގެ އިތުރުން ޑެޕް ކުޅުނު ފްރެންޗައިޒް ފިލްމު "ފެންޓާސްޓިކް ބީސްޓްސް" އިންވެސް އޭނާ ވަނީ ވަކިކޮށްފައެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އަދި އެ ފިލްމުތަކަށް ޖުމްލަ 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.