ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން އާންމުކޮށްފިއެވެ. މި ފަރާތްތަކަކީ ޓެކުހުގެ ގޮތުގައި ނުދައްކައިވާ އަދަދު އެއް މިލިޔަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މީރާއިން ވިދާޅުވީ، މިއީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ނިންމި ނިންމުމެއްކަމަށެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް މައުލޫމާތު ދީފާވާކަމަށެވެ. އެގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ސާފުކޮށްދީފައެވެ.
އަދި ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޓެކްސް ނުދައްކައިވާ ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ނިންމުމަށްވެސް މީރާއިން ވަނީ އަންގާފައެވެ.
މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށެވެ. އެއީ މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ %3.01 އެވެ.