ކުށްކޮށްގެން ހޯދާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ދިރާސާއެއް ހަދަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ވެއްދުމަށް ނިޒާމް ހަރުދަނާކުރަންޖެހޭކަމަށެވެ. އެކަމަށްޓަކައި ޚާއްޞަ ދިރާސާއެއް އޭސީސީން ހަދަމުން އަންނަކަމަށާ، މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެސެޓް ރިކަވަރީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ރަނގަޅަށް އެ ނިޒާމް ހިންގާފައިވާ ޤައުމުތަކުގެ އުސޫލްތަކާއި ގޮތްތައް ބަލާފައިވާކަމަށާ، އެޤައުމުތަކުގެ ނިޒާމާއި ރާއްޖޭގައި ކަން އޮންނަގޮތް އަޅާކިޔާ ރަނގަޅުކުރަންޖެހޭކަން އެ ދިރާސާއިން އެނގިގެންދާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
"ރާއްޖޭގައި އެސެޓް ރިކަވަރީ ނިޒާމް މިހާރު އޮތްގޮތަށްވުރެ ރަނގަޅު ކުރެވޭނެ ގޮތްތައް އެބަހުރި ބައިވަރު. މިހާރު މިސާލަކަށް މި ނިޒާމް އޮތް ގޮތުން އެކި ދިމާތަކުގައި އެސެޓް ރިކަވާ ކުރުމުގެ މަސައްކަތް އެބަ ހިނގާވެސްމެ. އެހެންވީމަ އޭގައި މަސްއޫލުވުމުގައިވެސް އެބަހުރި ގޮންޖެހުންތަކެއް. އެކަމަކު، މި ނިޒާމްގެ މަސްއޫލުވެރިކަމުގައި ވަރަށްމުހިންމު އެކައުންޓެބިލިޓީ ނިޒާމް އަޅުގަނޑުމެން ކޮން މުއައްސަސާއެއް ކުރާނީ ކޮން މަސައްކަތެއްތޯ. ކިހާ ހިސާބަކުންތޯ އޭގެ މަދަނީ ބައި ޖިނާއީ ބަޔަށް ބަދަލުވާނީ ނޫނީ އެނޫން ގޮތްތަކަކަށް ކަން ހިނގާނީ." ޝާމިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިޒާމް ރަނގަޅުކުރެވިއްޖެނަމަ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ހޯދޭނެކަމަށެވެ.
އޭސީސީގެ ތަހްގީގުތައް ކުރިއަށް ގެންދާއިރު އެންމެއިސްކަންދޭ ކަމަކީ ދައުލަތަށް ވައްދަންޖެހޭ ފައިސާ ހޯދުންކަމަށެވެ. އެގޮތުން ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާގެ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
ކުށްކޮގެން އެންމެ ގިނަ ޢަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިންނެވެ. ސިޔާސީ އެކި ބޭނުންތަކަށް ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފައިވާ މަންފާ 3.4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެއެވެ.
ފާއިތުވެދިޔަ 2021ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ވިދާޅުވެއެވެ.