ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ފައްޓަވާފައިވާ ގެޓްސެޓް ލޯން ޕްރޮގްރާމްގެ ދަށުން ލޯނަށް އެދި ޕްރޮޕޯސަލް ހުށަހެޅި މީހުންގެ ތެރެއިން ލޯނު ލިބުނު 72 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކަށް މިމަހުގެ ތެރޭގައި ފައިސާ ހަވާލު ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިކަމާއި ގުޅޭ ގޮތުން ބޭންކުތަކާއިއެކު ހައްދަވަން ޖެހޭ އެއްބަސްވުންތައް ހެއްދެވުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގެޓްސެޓް ލޯން ލިބުނު ހުރިހާ ފަރާތްތަކެއް މިހާރު ތަމްރީން ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އެމިނިސްޓްރީން ވިދާޅުވީ ލޯންގެ ފައިސާ ހަވާލުކުރުން ލަސްވީ ޕްރޮޕޯސަލްތައް ނިންމުން ލަސްވުމުންކަމަށާއި ނަމަވެސް ލޯން ލިބޭނެކަމުގެ ލިޔުން ހަވާލުކޮށްފައިވާ ހުރިހާ ފަރާތަކަށްވެސް ފައިސާ ވީ އެންމެ އަވަހަކަށް ހަވާލުކުރެއްވުމަށް މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ލޯން ފައިސާ ނުލިބި ކެންސަލްވާ ހިސާބަށް ދިއުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެގޮތުން މިހާރުވެސް މިނިސްޓްރީގެ ޓީމްތަކުން ލޯން ލިބޭ ފަރާތްތަކާއި އެކު ނިންމަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މިހާރު 10 ޕްރޮޕޯސަލްއެއްގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. ގެޓްސެޓްގެ ދެވަނަ ސްކީމެއްވެސް ތަޢާރަފް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ގެޓް ސެޓްގެ ދެވަނަ ސްކީމެއް ތަޢާރަފް ކުރައްވާނީ ފުރަތަމަ ސްކީމްގެ ތަޖުރިބާގެ އަލީގައި ކަމަށާއި ދެވަނަ ސްކީމް އިޢުލާން ކުރައްވާއިރު ފުރަތަމަ ސްކީމުން ލޯން ލިބޭ ހުރިހާ ފަރާތަކަށް ފައިސާ ހަވާލުކޮށް ނިންމަވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ދެ ޒުވާނަކު ގުޅިގެން ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ކުރިއަށް ގެންދިޔަ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިން ލައްކަ ރުފިޔާއާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ ލޯނެވެ. މި ލޯނު 4 އަހަރާއި 9 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭއިރު 8 އިންސައްތައިގެ އިންޓްރެސްޓެއް ނަގާގޮތަށް ހަމަޖެހިފައިވެއެވެ.