ޚަބަރު

ރާއްޖެ ބަނޑަށް ނުޖެހި، ދަތިހާލަތުން އަރައިގަނެވުނީ ޚަރިޖީ ސިޔާސަތުގެ ހަރުދަނާވުމުން: މެމްބަރުން


ރާއްޖެ ބަނޑަށް ނުޖެހި، ދަތިހާލަތުން އަރައިގަނެވުނީ ޚަރިޖީ ސިޔާސަތުގެ ހަރުދަނާވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ތައީދު ކުރާ ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ފޮރިން ސާވިސް ބިލަށް ހުޅުހެޅުނު އިސްލާހުތަކަށް ބަހުސް ކުރަމުންނެވެ.

ފޮރިން ސާވިސް ބިލް މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުއެވެ. މެމްބަރު އިސްމާއިލް ހުށެހެޅުއްވި އިސްލާހަކީ ފޮރިން ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، މަސައްކަތުން މުސްކުޅި ކުރާ މުވައްޒަފުންގެ މުސާރަ ކަޑައެޅުމަށް ހުށަހެޅުނު އިސްލާހެކެވެ. މިއިސްލާހުގައި ބުނެފައިވަނީ މުސާރައާއި، އިނާޔަތް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތީން ޕޭ ކޮމިޝަނުން ކަމަށެވެ.

މިބިލަށް ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މިއިސްލާހު މިހާރު ޤާނޫނުގައި އޮތް ކަމެއް ރަނގަޅު ކުރުމަށް ހުށަހެޅިފައިވާ މުހިންމު އިސްލާހެއްކަމަށެވެ. އަދި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ މުސާރައިގެ ޤާނޫނުގެ ތެރެއިން ހަމަހަމަ ގޮތެއްގައި މުސާރައާއި އިނާޔަތް ލިބޭނެ ގޮތެއް ފަހި ކުރުންކަމަށާއި އަދި ޕެންޝަން ލިބޭއިރުވެސް ހުރި މައްސަލަތައް ހައްލު ކުރުންކަމަށެވެ.

މިބިލަށް ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިއަދު މުޅި ދުނިޔެވެސް ފަހުރުވެރިވަ ސިޔާސަތެއް ކަމަށެވެ. އަދި ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްތަކުގެ ތެރޭގައި، ދިމާވި ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ ފޮރިން ސިޔާސަތުގެ މުހިންމުކަމާއި، ޚާރިޖިއްޔާއިން އަދާކުރި ދައުރަކީ ރާއްޖެ ބަނޑަށް ނުޖެހި، މިއަދު އޮތުމުގެ އެންމެ ބޮޑު ސަބަބުކަމަށް މެމްބަރުން ވިދާޅުވިއެވެ. އަވަށްޓެރި ޤައުމުތަކުގެ ހާލަތު މިއަދު ނުހަނު ދަތި ހާތަލުގައި އޮތްއިރު، ރާއްޖެ އެހާލަތަށް ނުދިޔައީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ޚާއްސަކޮށް، މިއަދު ރާއްޖެއަކީ މުޅި ދުނިޔެއާއި ގުޅިފައިވާ ލާމެހިފައިވާ ސިޔާސަތެއްގެ ތެރެއިން މަސައްކަތް ކުރާ ޚާރިޖީ ސިޔާސަތެއް އޮތް ޤައުމެއްގެ ގޮތުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް މިއަދު ރާއްޖެ ހޯދަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ، ރައީސް ޞާލިހު ގެންގުޅުއްވާ ކާމިޔާބު ޚާރިޖީ ސިޔާސަތުގެ ކަމިޔާބީކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.