ރިޕޯޓް

ކުނީގެ މައްސަލަ: އިހަވަންދޫއަށް ކުރިމަތި ވެފައިވާ ބޮޑު މައްސަލައެއް



ކުނީގެ މައްސަލައަކީ އަތޮޅުތެރޭގެ ގިނަ ރަށްރަށައް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. ރައްކާތެރި ގޮތުގައި ކުނި ނައްތާ ނުލެވުމުގެ ސަބަބުން، މިކަމުގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރަމުން ދެއެވެ. އިހަވަންދޫއަކީ ވެސް ކުނީގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަ ރަށެކެވެ.

އިހަވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރިގޮތުގައި ކުނި ނައްތާލާނެ ނިޒާމެއް އެރަށުގައި ޤާއިމުވެފައިނެތުމެވެ. ޚާއްޞަކޮށް އާބާދީ ބޮޑު ރަށްރަށުގައި މިމައްސަލައަކީ ކަންބޮޑުވާވަރުގެ ބޮޑު އަދި އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެކެވެ. އިހަވަންދޫގެ ކުނިގޮޑު ހުރި ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދާއި ސްކޫލާ ކައިރިހިސާބެއް ކަމުން ކުނި ގޮނޑުގަ ކުނި އެންދުމުގެ ސަބަބުން ސްކޫލްދަރިވަރުންނަށާއި އާއްމު ރައްޔިތުންނަށް ބޮޑެތި ދަތި އުނދަގޫ ތަކަކާއި ވަނީ ކުރިމަތި ލާންޖެހިފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހު ވިދާޅުވީ މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އަތޮޅުގެ ނިސްބަތުން އިހަވަންދޫއަކީ ބޮޑުއާބަދީއެއް ދިރިއުޅެމުން އަންނަ ރަށަކަށްވެފަ، ކުނި އުފެދޭ މިންވަރުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އިހަވަންދޫގެ ގޭބިސީ ތަކުގައި އުފެދޭ ކުނި ނެގުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗައް 8 ޕިކަޕު ކުނި އުކާލެވޭ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހު ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެސް ރަށުގައި ސިނާޢީ މަސައްކަތްތައްކުރާ ފަރާތްތަކުން އުކާލާ ކުންޏާއި އަދި ފައިބަރު މަސައްކަތްކުރާ ތަންތަނުން އުކާލާ ނުރައްކާތެރި ވިހަ އެކުލެވޭ ޒާތުގެ ކުނިވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދު ފެނިގެން ދަނީ ކުނިން ފުރި ބާރުވެފައިވާ މަންޒަރުއެވެ.

ރަށުގެ ކައުންސިލުންވަނީ ރަށުގެ ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަމަށްޓަކައި ކުނި އެންދުމަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެ ދުވަސްވަރެއްގެ މޫސުމަށް ބަލައިގެން ރަށުތެރެއަށް ދުމުގެ އަސަރު ނުކުރާނެހެން އެންދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާތީ، ގިނަ ޢަދަދެއްގެ ކުނި ޖަމާކޮށްފައި ބަހައްޓަންޖެހޭ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ޞަބާހު ފާހަގަ ކުރެއްވިއެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ރަށު ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަަލަ ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިހަވަންދޫގެ ބިން ހިއްކާ ނިމުމުން އެސަރަހައްދުގައި ޒަމާނީ ފެންވަރުގެ ކުނި ކޮއްޓެއް އަޅާ ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމުގެ އިންތިޒާމް ގާއިމްކުރެވިގެންދާނެ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. އަދި މިކަމަށް ބޭނުންވާ ބަޖެޓްވެސް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.