އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމުގެ އިޝާރާތެއް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދީފި އެވެ.
އާޖެންޓީނާ އާއި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ އަންނަނީ ގަތަރު ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުންނެވެ. މެސީ ވަނީ މިދިޔަ އަހަރުގެ ކޮޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ގައުމީ ޓީމާ އެކު ތަށްޓެއް ހާސިލްކުރުމަށް ކުރަމުން އައި އުންމީދު ފުރިހަމަކޮށްފަ އެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް މާ ބޮޑު ހުރަހެއް ނެތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ ކުރިން މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު މާގިނަ ދުވަހެއް ނުވެ، ނިންމުން ބަދަލުކޮށް އަލުން އެނބުރި އައިސްފަ އެވެ.
އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމުން 2016 ވަނަ އަހަރު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމަށް ފަހު އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ޓީމާ ގުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަަގައިފަ އެވެ. އެކަމަކު، އެ ފަހަރު ގައުމީ ޓީމާ ދުރަށް ދިޔައީ ރިޓަޔާކޮށްގެން ނޫން ކަމަށާއި އަމިއްލަ ބްރޭކެއް ނެގީ ކަމަށް މެސީ ބުނެފައިވެ އެވެ.