ރިޕޯޓް

ފިއްލަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެޕްރީލްމަހު އެއްކޮށް ނިންމާލެވޭނެ: ކައުންސިލް



ފެނާއި ނަރުދަމާގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރިމަތި ވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއްނެތުމުގެ ސަބަބުން ފިއްލަދޫ ރައްޔިތުންނަށްވެސް ވަނީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައެވެ. ނަމަވެސް މި މިއަދު މިވަނީ މިތަކްލީފްތައް ނިމުމަކާ ހަމަޔަށް އައިސްފައެވެ.

1100 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ފިއްލަދޫ ރައްޔިތުންނަށް މިއަދުވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. ފިއްލަދޫއަކީ ހއ އަތޮޅުން ފެން ތިލަ ރަށްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ރަށެކެވެ. ފެންތިލަވުމާއެކު ފެން ތަޣައްޔަރުވެ، ރަށުގެ ރައްޔިތުންނަށް ސާފްފެންފޮދެއް ލިބުން ވަނީ ދަތިއުނދަގޫކަމަކަށްވެފައެވެ. މިއާއެކު ނަރުދަމާގެ މައްސަލައަކީވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ގިނަ ގޭގޭގައި ޖަންގްޝަން ވަޅުގަނޑު ގޯތިތެރޭގައި ހުރުމުގެ ސަބަބުން ގޯތިގެދޮރަށް ނަޖިސް އެޅޭތަންވެސް އާދެއެވެ. އަދި އަވަސް އަވަހަށް މި ވަޅުގަނޑުތައް ސާފްކުރަން ޖެހުމަކީ ރައްޔިތުންގެ އަތުން ބޮޑުޚަރަދެއް ހޭދަވާކަމަކަށް ވަނީ ވެފައެވެ.

ފިއްލަދޫގައި ދަނޑުވެރިކަމުން ނަފާހޯދާ ފަރާތްތައް ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަަބަބުން އެދަނޑުވެރިންނަށްވެސް ވަނީ ދަނޑުވެރިކަން ކުރުމުގައި ބޮޑެތި ދަތިއުނދަގޫތަކަކާއި ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް 1100 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ފިއްލަދޫ ރައްޔިތުންނަށް މިއަދުވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ.
މިއަދުގެ ސަރުކާރުން ފިއްލަދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއާއެކު ފިއްލަދޫ ރައްޔިތުންނަށްވަނީ ހިނިތުންވުން ގެނުވާދީފައެވެ.

ފިއްލަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދިނުމަށްޓަކައި އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ގްރެވިޓީ އަދި ޕްރެޝަރ ނެޓްވޯކް އެޅުމާއި ޕަންޕް ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ސީ އައުޓް ފޯލް އެޅުމާއި އެޑްމިނިސްޓްރޭޝަން އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ރިވަރސް އޮސްމޯސިސް ޕްލާންޓް ބެހެއްޓުމާއި ސްޓޯރޭޖް ޓޭންކާއި ވާރޭ ފެން ނަގާ ސިސްޓަމެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯޓަރ ޑިސްޓްރިިބިއުޝަން ނެޓްވޯކް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ %85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި އެޕްރީލް މަސްތެރޭގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އާއި ހަވާލާދީ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވިއެވެ.

"ފިއްލަދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށް ދަނީ ހައުސިން ކަނެކްޝަން ގުޅާދިނުމުގެ މަސައްކަތާއި ޕަންޕު ސްޓޭޝަނާއި އާރޯ ޕްލާންޓުގެ ފިނިޝިން މަސައްކަތް. މި މަސައްކަތް މިދާ ސްޕީޑްގައި ދާކަމަށް ވަންޏާ މިއަންނަ މަސްތެރޭ މަސައްކަތް އެކޮށް ނިމާލެވޭނެ" ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ވިދާޅުވި އެވެ.

ފިއްލަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގައި މީހުން ދިރިއުޅޭ 150 ގެއަކަށް މިޚިދުމަތް ލިބިގެންދާނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެކުއެވެ. އެގޮތުން މުޅި މަޝްރޫޢަށް ޖުމްލަ ހަތާވީސް މިލިޔަން ތިންސަތޭކަ ނުވަދިހަ ނުވަހާސް ހަތްދިހަ ފަސް ރުފިޔާ ޚަރަދުވެއެވެ.