ޚަބަރު

އީއައިއޭ ނުލިބިގެން ދަރަވަންދޫއާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނުފެށިފައި


ބ.އަތޮޅު ދަރަވަންދޫ އާއި އެއަތޮޅު ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ އީއައިއޭ ރިޕޯޓް ނުލިބޭތީކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓިސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ދަރަވަންދޫ އާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަދަން ޖެހޭ ބައެއް ސާވޭގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ދަރަވަންދޫގެ މެރިން ސާވޭ އާއި ޓެރެސްޓްރިއަލް ސާވޭ ނިިމިފައިވާއިރު، ކެންދޫގެ މެރިން ސާވޭގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ރަށްތަކުގެ ތެރެއިން ދަރަވަންދޫ އާއި ކެންދޫއަކީވެސް މި މައްސަލަ ދިމާވަމުން އަންނަ ދެ ރަށެވެ. ދަރަވަންދޫގައި ހިމާޔަތްކުރާ ރަށުގެ އުތުރު ފަރާތަކީ ގެސްޓް ހައުސް ވިޔަފާރިކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދެކެވެ. އަދި އެއީ ދަރަވަންދޫގެ އެންމެ ހިތްގައިމު ގޮނޑުދޮށް އޮންނަ ސަރަހައްދުވެސްމެއެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި އެސަރަހައްދު ގިރައެވެ. އެސަރަހައްދުގައި ހުރި ބިޔަ ބޮޑެތި ގަސްތަކުގެ މޫތައްފެނި ބިމު އަޑިން ނަރުދަމާއަށް ވަޅުލާފައި ހުރި ހޮޅިތައް ވެސް ފެނެއެެވެ. މިހާތަނަށް އެތަން ހިމާޔަތް ކުރަނީ ކައުންސިލާ ރައްޔިތުން އަދި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު ވެލިބަސްތާ ޖަހައިގެންނެވެ. އެކަން ވަނީ ހަފްތާއެއްހާދުވަހުގެ ކަމަކަށެވެ.

ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ދަރަވަންދޫއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު މިސަރަހައްދު ގިރާތީ ކަންބޮޑުވާކަމަށް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ބުނެއެވެ. މިކަންބޮޑުވުން އަބަދުވެސް އެމީހުންނާ އެރަށު ރައްޔިތުން އަބަދުވެސް ފާޅުކުރެއެވެ. ސަރުކާރުން މިރަށު ގޮނޑުދޮށް ހިމަޔާތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށް، އަމަލީ މަސައްކަތް ފެށުމަށް ހަދަންޖެހޭ ސާވޭތަކުގެ ތެރެއިން މި ރަށުގައި ނުނިމެނީ ހަމައެކަނި އީއައިއޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ދަރަވަންދޫއެކޭ އެއްގޮތަށް ކެންދޫއަކީވެސް މި މައްސަލަ ކުރިމަތިވަމުން އަންނަ ރަށެކެވެ މާ ކަނޑެއްގެ ތެރޭގައި އޮންނަ ކެންދޫ ވަށައިގެން ގިރާކަމަށާއި، ހިމާޔަތް ކުރާއިރު ވަށައިގެން ބޮޑުބައެއް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މޫސޫމީ ބަދަލުތަކާއެކު ކެންދޫ ވަށައިގެން ގިރަަމުންދާއިރު، ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ދުވަސްތަކުގައި އެސަރަހައްދުން އެއްގަމަށް ލޮނު އަރާކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަދަންޖެހޭ ސާވޭ ތަކުގެ ތެރެއިން އީއައިއޭގެ މަސައްކަތް ނިމުމުން އެ މަސައްކަތް ފަށާނެކަމަށެވެ.

ބ.އަތޮޅުގެ ކެންދޫއާއި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު އެއަތޮޅު ތުޅާދޫ އާއި ކުޑަރިކިލު އަދި ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މާޅޮހުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސަކަތްވެސް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ.