މުނިފޫހިފިލުވުން

މަދޫރީގެ "ފޭމްގޭމް" އަށް ބޮޑު ތަރުހީބެއް


90ގެ އެންމެ ކާމިޔާބު ހީންދި އަންހެން ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވުނު މަދޫރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒް "ފޭމްގޭމް" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. ނެޓްފްލިކްސް އިން ސްޓްރީމްކުރާ މި ސީރީޒްގެ ފުރަތަމަ ސީޒަން މިހާރުވަނީ ރިލީޒްކޮށްފައެވެ.

ކުރީގެ މޮޅުކަމަށް މިހާރުވެސް ދޫނުކުރާކަން މަދޫރީ ވަނީ މި ސީރީގައި އަނެއްކާވެސް ދައްކާލާފައެވެ. މަދޫރީގެ މި ސީރީޒް އޮތީ ނެޓްފްލިކްސްގެ ސީރީޒްތަކުގެ ތެރެއިން މުޅި ދުނިޔޭގެ 6 ވަނައިގައެވެ.

ސިރީޒް އާއްމުކުރި ފުރަތަމަ ހަފްތާގައިވެސް 11.6 މިލިއަން ގަޑިއިރު ބަލައި ސީރީޒްގެ ވިއުއާޝިޕް އުޅެނީ ވަރަށް މަތީގައެވެ. މި ނަމްބަރުތަކާއި އެކު މަދޫރީ މިވަނީ އޭނާގެ ސީރީޒްގެކުރިން ނެޓްފިލްކްސްއިން ދައްކަން ފެށި ހިންދީ ސީރީޒްތަކާއި ފިލްމުތައް ބޮޑުތަނުން ފަހަތަށް ޖައްސާލާފައެވެ. މީގެތެރޭގައި ތާޕްސީ ޕަންނޫ އާ ތާހިރް ރާޖް ބާސިންގެ "ލޫޕް ލަޕޭޓާ"، "ޔޭ ކާލީ ކާލީ އަންކޭ" ރަވީނާގެ "އާރްޔާނަކް" ކާތިކް އާރްޔަންގެ "ދަމާކާ" ކްރިތީ ސެނޮންގެ "މިމީ" ތާޕްސީ ޕަންނޫ އާއި ވިކްރާންތް މާސޭގެ "ހަސީން ދިލްރުބާ" އަދި ޓޮވީނޯ ތޯމަސްގެ "މިންނަލް މުރާލީ" ހިމެނެއެވެ.

މީގެއިތުރުން "ފޭމްގޭމް" ވަނީ 16 ގައުމެއްގެ ގަދަ 10 އިންވެސް ޖާގަ ހޯދާފައެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާނު، ބަންގްލަދޭޝް، މޮރިޝަސް، ޔޫއޭއީ، އޯމާން، ކުވޭތު، ގަތަރު އަދި އޮސްޓްރޭލިއާވެސް ހިމެނެއެވެ.

މިދިޔަ މަހު 25 ގައި ރިލީޒްކޮށްފައިވާ މި ސީރީޒަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ އުފެއްދުމެކެވެ. މަދޫރީ އެންމެ ފަހުންވެސް ފެނުނީ ދަރްމާގެ ފިލްމަކުންނެވެ. އެއީ 2019 ވަނަ އަހަރު ދެއްކި "ކަލަންކް" އިންނެވެ.

މިއީ މަޝްހޫރު ފިލްމީ ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމުން އޭނާގެ އާއިލާ އަށް ދިމާވާ ކަންކަމާއި އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި އެތައް ހާދިސާތަކެއް ފެނިގެންދާ ސީރީޒްއެކެވެ. ބެލުންތެރިން މިހާރު އެންމެ އިންތިޒާރުކުރަނީ މީގެ ދެވަނަ ބަޔަކަށެވެ.

"ފައިންޑިން އަނާމިކާ" ގެ ނަމުން ނަން މީގެކުރިން ދީފައިވާ މީގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާ ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެއެވެ.