ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމަށް ހުރި ހުރަސްތަކާމެދު މަޝްވަރާކުރައްވައިފި


ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސެއިން ރަޝީދު ހަސަންގެ ދަޢުވަތަކަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ.ކިއު ޑޮންގޔޫ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައެވެ.

މިދަތުރުފުޅު ކުރެއްވީ މިމަހުގެ 7އިން 8އަށެވެ. ޑރ.ކިއު ޑޮންގޔޫއާއެކު ބޭއްވެވި މަޝްވަރާތަކުގައި ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވަނީ ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގައި މަސްވެރިކަން ކުރުމަށް ހުރި ހުރަސްތައް ހިއްސާކުރައްވާފައެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރުމަށް ރާއްޖެ މަޝްހޫރުވެފައިވާއިރު އެކަމަށް ހިނގާ ހޭދަ ބޮޑުއިރު އޭގެ ސަބަބުން މަހުގެ ހަމައަގުގައި މާކެޓް ހޯދުމަށް ހުރަސްތަކެއް ހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެންވެސް ގިނަ ދަތިތަކެއް މަސްވެރިކަމަށް ކުރިމަތިވެފައިވާކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަންއަކީ ކާނާގެ ޔަގީންކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމުން ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާތައް ކުރެވިފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް އެޖަމިއްޔާގެ އެހީތެރިކަމަށްވެސް ރާއްޖެއިންވަނީ އެދިފައެވެ.

ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން ޑިރެކްޓަރ ޖެނެރަލް ޑރ.ކިއު ޑޮންގޔޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ މިމަހުގެ 8 އިން 11 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމިއްޔާގެ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްކަމަށް ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވެއެވެ. މަ ދަތުރުގައިވަނީ އެޖަމްޢިއްޔާގެ ކަންޓްރީ ޕްރޮގްރާމިންގ ފްރޭމްވޯކް އޮފް ދަ މޯލްޑިވްސް 2022-2026ގައި ސޮއިކޮށްފައެވެ.

މިފްރޭމްވޯކަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް އިސްކަން ދޭނެ ކަންކަމާއި ޕްރޮޖެކްޓްތައް ހިންގުމަށް މުހިއްމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ފްރޭމްވޯކެކެވެ. މީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ޙަސަންއެވެ. އެފްއޭއޭއޯގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާއން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ވިލްމެންދްރަ ޝަރަންއެވެ.

ޑިރެކްޓަރ ޖެނެރަލް ޑރ.ކިއު ޑޮންގޔޫގެ މިދަތުރުފުޅުގައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްއާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތައްވެސް ވަނީ ބައްލަވާލައްވާފައެވެ.