ޚަބަރު

ބިންތަކުގެ މައްސަލަތައް ކައުންސިލްތަކާއި ހަވާލުކުރަނީ


ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއިއެކު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ އޮފީސް ހާޒިރުވާންޖެހޭ މައްސަލަތައް ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމަށް ނިންމައިފިއެވެ.

ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލެއްގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ކުރާ ދަޢުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ. ބަންޑާރަނައިބަކީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލުކަމުގައިވާތީ، ބަންޑާރަނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރުމަކީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމާއި ފުށުއަރާ އަދި، ބައެއްފަހަރު ދެ ފަރާތުގެ މަސްލަހަތުވެސް ފުށުއަރާފާނެ ކަމެއް ކަމުގައި ސުޕްރީމް ކޯޓުން އިއްޔެ ކުރެއްވި ޙުކުމްގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓު މި ނިންމެވުމާއި ގުޅިގެން ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ގުޅޭގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އޭޖީ ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމުމަށް މިހާރު ނިންމާފައިވާކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އދ.ފެންފުށީ ބިމެއްގެ މައްސަލާގައި މީހަކު އެކައުންސިލާ ދެކޮޅަށް ދައުވާކުރި މައްސަލައެއްގައެވެ. މިމައްސަލަ ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ރަށްރަށުގެ ބިންބިމުގެ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ކަމުގައެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސްޕްރީމްކޯޓުން އިއްވި ހުކުމުގައި ވަނީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގެ އުސޫލަށް، 2008ގައި ތަސްދީގު ކުރި ގާނޫނުއަސާސީން ވަރަށްބޮޑު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އަދި އަތޮޅުތަކާއި ރަށްރަށް ހިންގާނީ މައި ސަރުކާރާއި ވަކިން އޮންނަ އިންތީޚާބީ ކައުންސިލްތަކުން ކަމުގައި ޙުކުމުގައިވެއެވެ.