ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ، ތަޢުރީފް ކުރައްވައިފިއެވެ.
އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެފް.އޭ.އޯ ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމާ ގުޅެގޮތުން އަދި ކާބޯތަކެތި ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން ކާބޯތަކެތި ކަށަވަރުކުރުމަށް ފަރުދީ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ ފަތުރުވެރިކަމަށާއި ބޭރުގެ އިމްޕޯޓްތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން ކޯވިޑްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިއެވެ. އަދި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެފް.އޭ.އޯ ފަދަ ޖަމްޢިއްޔާއެއްގެ އެހީތެރިކަމާއި ފަންނީ ލަފާގެ ބޭނުން ހިފައިގެން މިފަދަ ކަންކަމުން ކުރާ އަސަރު ކުޑަކުރުމަށް ކުރިޔަށް އޮތްތާގައި މަސައްކަތްކުރެވިދާނެކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ބިމުގެ ދަތިކަމާއި ލިބެން ހުރި ވަޞީލަތްތައް މަދުކަން ފާހަގަކުރައްވައި ދަނޑުވެރިކަން ކުރުމުގައި އީޖާދީ ޙައްލުތަކެއް ހޯދުމަށް އެފް.އޭ.އޯގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް ޑޮންގްޔޫ ވިދާޅުވޮގޮތުގައި މިހާރަށްވުރެ ބޮޑަށް އެފް.އޭ.އޯގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއެކު ގާތުން މަސައްކަތްކުރަމުންދާކަމަށާއި، މިކަމުގައި އދ.ގެ އިދާރާތަކުގެ އެހީތެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.