ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022" ގެ ގަދަ ފަހަކަށް، ހަތް ބައިވެރިން ދަތުރުކޮށްފިއެވެ. 
މި މުބާރާތުގެ ގަދަ ފަހަކުން ޖާގަ ކަށަވަރު ކުރި ހަތް ބައިވެރިންނަކީ، އައިޝަތު ފައިހާ ފާއިޒު، މުޙައްމަދު ފަޒީން، އަޒުކާ ހާމިދު، މުޙައްމަދު ނަވީން، އަބުދުﷲ ހައްމާދު، އައިމިނަތު ބަލްސަމް، މައިޝާ މުޙައްމަދެވެ. 
ގަދަ ފަހަކުން ފުރުޞަތު ނުލިބި މި ހަފްތާގެ އެލިމިނޭޝަން ޝޯވގައި މުބާރާތާ ވަކިވާން ޖެހުނު ބައިވެރިއަކީ ޝަޒުރަތު ޚަލީލެވެ. އެޕޮއިންޓްމަންޓް އިންޓަރވިއު އިން މި ހަފްތާގެ ޕްރެޒެންޓަރ އޮފް ދި ވީކުގެ އެވޯޑް ހާޞިލް ކުރީ އައިޝަތު ފައިހާ ފާއިޒެވެ. 
މުބާރާތުގެ ގަދަ 5 އަކަށް 7 ބައިވެރިން ދަތުރުކޮށްފައިވަނީ މީގެ ކުރިން ނޯ އެލިމިނޭޝަން ޝޯވއަކާއެކު އެ ހަފްތާގައި އެއްވެސް ބައިވެރިއަކު ވަކިނުވެ، އަދި ވައިލްޑް ކާޑް އެންޓްރީއަކާއެކު މުޙައްމަދު ނަވީނަށް މުބާރާތުގައި އިތުރަށް ކުރިއަށްދާން ލިބުނު ފުރުޞަތުގެ ސަބަބުންނެވެ.
		
			ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ ރިއަލިޓީ ޝޯވއެކެވެ. މިއީ މި މުބާރާތުގެ 4 ވަނަ ސީޒަނެވެ. 
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ޓައިޓްލް ކާމިޔާބުކުރާ ބައިވެރިއަކަށް ޖުމްލަ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މުބާރާތުގެ ޓްރޮފީ ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ޕީ.އެސް.އެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.
މުބާރާތުގެ ދެވަނައަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މި މުބާރާތުގެ ނަތީޖާ ނެރެނީ ފަނޑިޔާރުން ދޭ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ފަނޑިޔާރުންގެ މާކުހަށް %65 އަދި އެހުންތެރިންގެ އެސް.އެމް.އެސްއަށް %35 ވަނީ ކަނޑައަޅާފައެވެ. 
		
			މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ރޭޑިއޯ ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމުގައިވާ މޫމިނާ އިބްރާހީމް، ނަޞްރުﷲ އިދުރީސް އަދި ހަސަން ހަލީމެވެ.
ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ.
މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ. 
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން 2022ގެ އޮޑިޝަން ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އޮޑިޝަނުން ހޮވުނު ގަދަ 10 ބައިވެރިންނާއެކު މުބާރާތް ފަށާފައިވަނީ ޖެނުއަރީމަހުގެ 7 ގައެވެ.