ރިޕޯޓް

ފެނާއި ނަރުދަމާގެ ނިޒާމެއް ނެތި ކުނބުރުދޫ ރައްޔިތުން އުފުލި ތަކްލީފަށް ނިމުމެއް


ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުވުމަކީ ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުން ވާނެ އެންމެ އަސާސީ އެއް ޚިދުމަތެވެ. މީގެކުރިން އަތޮޅުތަކުގެ ރަށްރަށުގައި މިޚިދުމަތުން މަޙްރޫމްވެ، ވަރަށް ދަތި ޙާލުގައި ރައްޔިތުން ވަނީ އުޅެންޖެހިފައެވެ.

އަތޮޅުތަކުގެ ތަރައްގީގެ ދުވެލި ކުރިއަށްޖައްސައި އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެތްނެތި މިހާރުގެ ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. މިސަރުކާރުގެ އަމާޒަކީ މި 5 އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްކާތެރި ފެނާއި ރަނގަޅު ނަރުދަމާ ނިޒާމެއްގެ ޚިދުމަށް ގާއިމްކުރުމެވެ.

އދ.ކުނބުރުދޫ ރައްޔިތުންވެސް ތިބީ މި ޚިދުމަތަށް އެދިއެދިއެވެ. އެރަށުގައި ސަރުކާރުން ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއެކު ރައްޔިތުންނަށް ވަނީ އުފާވެރިކަމެއް ލިބިފައެވެ. މިއީ އެރަށުގެ ރައްޔިތުންގެ އެތައްދުވަހެއްވީ އުންމީދެއް ކަމަށާ، މި ޚިދުމަތާއެކު ރަށައް އިޤްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު އަޒްމީ ވަނީ ވިދާޅުވެފައެވެ.

ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މިހާތަނަށް ކުނބުރުދޫ ރައްޔިތުން ވަނީ ވަރަށްބޮޑު ތަކްލީފެއް އުފުލަން ޖެހިފައެވެ. ގިނަ ގޭގޭގެ ނަރުދަމާގެ ޖަންގުޝަން ވަޅުގަނޑު ގޭ ގޯތިތެރޭގައި ހުރުމުގެ ސަަބަބުން ގަންޖުޝަން ވަޅުގަނޑު ފުރޭ ކޮންމެފަހަރަކު ގޯތިތެރެއަށް ނަޖިސް ބޭރުވެ އެތައް އުނދަގުލަކާ ކުރިމަތިވެއެވެ. ރަށުގެ ފެން ތަޣައްޔަރުވެ ގިނަ ގޭގޭގެ ވަޅުފެން ބޭނުން ނުކުރެވެއެވެ.

މިތަކުލީފުތައް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. މިހާރު ސަރުކާރުންވަނީ އެރަށުގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއެކު މީގެކުރިން ރައްޔިތުން ނަޖިސް ފެނުން ފެންވަރަމުން އައި އައުމަށް ނިމުން އަންނާނެއެވެ.

ސަރުކާރުން ކުނބުރުދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެނާއި ނަރުދަމާގެ ހޮޅިވަޅުލުމުގެ މަސައްކަތްކަމަށް ކުނބުރުދޫ ކައުންސިލްގެ ރައީސް އަޒްމީވަނީ ވިދާޅުވެފައެވެ. ކުނބުުރުދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތާއެކު އެރަށުގެ ގެސްޓުހައުސް ވިޔަފާރި ފުޅާވެ ވަޒީފާތައް އިތުރުވެގެންދާނެކަން ކައުންސިލްގެ ރައީސް މުހައްމަދު އަޒްމީ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގައި އެރަށުގައި 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިންގ ޢިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައި ދިނުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެރަށުގައި 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް އަޅާ އިރު 374 މީޓަރުގެ ޕަންޕިން ލައިނަކާއި، އޮފީސް ޢިމާރާތާއި ދެ ޕަންޕިން ސްޓޭޝަން ހަދާނެއެވެ. އަދި ގޭގޭގައި ޖަންޝަން ބަހައްޓައި ދިނުމާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުންވެސް ހިމެނެއެވެ.

އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔައަހަރުގެ ޑިސެމްބަރު މަހުއެވެ.

މިއީ 45.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.