ޚަބަރު

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ހަވާލުކޮށްފި


މާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފިއެވެ. ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ކުރުން ހުއްޓުވުމަށާއި އަދި މިސްކިތްތަކުގައި ހުންނަ ތަކެތި ވަގަށް ނެގުންފަދަ މައްސަލަތައް ހުޓުވުމަށެވެ.

މާލޭގެ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާ، އެ މަސައްކަތަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މާލޭގެ 42 މިސްކިތެއް ބަލަހައްޓަމުން އަންނަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މާލެ ސީޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް 3 ބަޔަކާއެކު އެއްބަސްވުން އެކުލަވާލާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. މިހާރު ކުރިއަށްދަނީ މަސައްކަތަށް ބޭނުންވާ ކޭބަލް އެޅުމުގެ މަސައްކަތްތަކެވެ.

ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއް ހިމެނޭހެންނެވެ.

"މިސްކިތުގެ އެތެރޭގައިވެސް އަދި މިސްކިތް ބޭރުގައިވެސް، މުޅި މިސްކިތް ކަވަރވާގޮތަށް ކެމެރާ ހަރުކުރާނަން. މީގެ އޮޕަރޭޝަނަލް ކޮންޓްރޯލް ރޫމް އިންނާނީ އަޅުގަނޑުމެންގެ އޮފީހެއްގައި. ފުލުހުން ބޭނުންވެއްޖެ ހިނދެއްގައި ފުޓޭޖް ޙިއްސާކުރާނަން." މޭޔަރ ވިދާޅުވިއެވެ.

ކެމެރާ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށް ނިންމުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުޢިއްޒު ވިދާޅުވީ މި ވަސީލަތާއެކު މާލޭގެ މިސްކިތްތައް ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ބެލެހެއްޓެމުންދާނެކަމަށެވެ. މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވޭތީއާއި، އަދި މިސްކިތުގައި ހުންނަ ސަމާނު ވަގަށްނެގުންފަދަ ކަންކަން ބައެއް މީހުން ކުރަމުންދާތީއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލްގެ ރެވެނިއު ބަޖެޓުންނެވެ.

މާލޭގެ މިސްކިތްތައް ރަމަޟާން މަހަށް އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތައް އިތުރަށް ސާފުކޮށް، މިސްކިތްތަކުގެ އިމާރާތުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މިސްކިތްތައް އާބާތުރަފިލުވާ މަރާމާތު ކުރުމުގެ މަސައްކަތަށް 13މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.