ޚަބަރު

ސްކޫލް މާޙައުލުގައި މޫނުބުރުގާ އެޅުމަށް ހުރަހެއް ނެތް: އެޑިއުކޭޝަން


ރާއްޖޭގައި މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވަނީ މި ސަރުކާރުގައި 2019 ވަނަ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

އޭގެ ކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުން އޮތީ މަނާކޮށްގައެވެ. އަދި މޫނު ބުރުގާ އަޅައިގެން ސްކޫލްގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ފިޔަވަޅުއަޅާ ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމާއި ގުޅޭ އުސޫލާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި މިވަގުތުވެސް މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު އާމަލުކުރަނީ މުވައްސަސާގެ އެހެން މުވައްޒަފުންނާ މެދުގައިވެސް ޢަމަލުކުރާ އުސޫލުން، އެއްވެސް ތަފާތުކުރުމެއް ނެތިކަމަށެވެ. އަދި، ޖެނުއަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިވެސް ނުވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވަނީ، ކިޔަވައިދޭ ވަގުތުގައި ދަރިވަރުންނަށް މޫނު ފެންނާނެގޮތަށް ތިބޭގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އެޅުމަށް އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވެފައިވާތީކަމަށެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރުނީ، ސްކޫލްތަކުގައި މޫނު ބުރުގާ އެޅި ޓީޗަރުންނަށް ކިޔަވައިނުދެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.