ޚަބަރު

"ތިލަފުށި، މާލެ ބްރިޖްގެ ސައިޓް މަސައްކަތްތައް އަންނަ މަހު ފެށޭނެ"


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތްތައް އަންނަ މަހު، މަސައްކަތްކުރާ ސައިޓުގައި ފެށޭވަރު ވާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. ބްރިޖްގެ މަސައްކަތަށް މާލެއިން ބޭނުންވާ ސައިޓް ތައްޔާރުކުރުމަށް، އިންޑަސްޓްރިއަލް ވިލެޖުގައިވަނީ ބިން ކަނޑައަޅާފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމަލުއްދީން ވިދާޅުވީ ބްރިޖްގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްގެންދާކަމަށެވެ. އެގޮތުން ސަރވޭއާއި މަސައްކަތަށް ބޭނުންވާ އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

އަކްރަމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. ބްރިޖްގެ މާލޭ ސައިޓުހެދުމަށް ހަމަޖެހިފައިވަނީ މަލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއްގައެވެ.

މިކަމަށް ބޭނުންވާ ބިން ވަކިކޮށް މިހާރުވަނީ އެ ބިން ހުއްކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. އަކްރަމް ވިދާޅުވީ ބްރިޖް ސައިޓުގައި ކުރިއަށްގެންދާ ޢަމަލީ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26ވަނަ ދުވަހުއެވެ. ސަރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ދަނީ ކުރިއަށެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނެނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތެވެ.

މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މިއީ 500މިލިއަން ޑޮލަރުގެ މަޝްރުއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރުޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކުއެވެ.