ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށްގޮސް، ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް" ނެރެފިއެވެ.
އިއްޔެ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 1،420 މީހުންނަކީ މިދިޔަ އަހަރުގެ މެއިމަހަށްފަހު ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި މީހުން ޕޮޒިޓިވްވި ދުވަހެއެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ރާއްޖެއިން 1،465 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އުފުލިގެން ގޮސްފައިމިވަނީ އަލަށް ފެނުނު "އޮމިކްރޯން" ވޭރިއަންޓު މުޖުތަމައުގެ ތެރޭގައި ހަލުވިކަމާއިއެކު ފެތުރެން ފެށުމާއި އެކުގައެވެ. މި ބަލި އެންމެ ނުރައްކާ ހާލަތަކަށް ފެތުރިފައިވާ ޤައުމުތައް އެ ހާލަތަށް ގޮސްފައިވަނީ އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/zOcaCh644R
— Health Protection Agency (@HPA_MV) January 17, 2022
ކޯވިޑްގައި އެލާޓްލެވެލް މައްޗަށް ޖައްސަނީ މުޖުތަމައުގައި ބަލި ފެންނަ ނިސްބަތަށް ބަލާފައެވެ. ކޯވިޑްގެ ރެޑް އެލާޓަށް ރާއްޖޭގެ ހާލަތު ގެނެސްފައިވަނީ ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ. މީގެ ކުރިން ރާއްޖޭގެ ހާލަތު އޮތީ އޮރެންޖު އެލާޓުގައެވެ. އެއީ ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑުވެ، އެއްސަރަހައްދުން އަނެއް ސަރަހައްދަށް ބަލި ފެތުރުމުގެ ނުރައްކާ އޮތުމުން ނެރޭ އެލާޓެކެވެ.
ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާއިރު، ބަލީގައި އެދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވަނީ 32 އަށް އަރާފައެވެ. މިވަގުތުވެސް 6،993 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންނެވެ.
ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ 7 މާރޗު 2020 ގައެވެ. ނަމަވެސް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި ފެތުރެން ފެށި ހިސާބުން ސަރުކާރުން ދިޔައީ އާއްމުންގެ ރައްކާތެރިކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެ އަނެއްކާވެސް ސަރުކާރުން ދަނީ ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ބާރު އަޅަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.