ލައިފް ސްޓައިލް

"ނިޝްރީންގެ ކުލަފިހިން ކިޔައިދިނީ މުޅިން ތަފާތު ވާހަކައެއް"


އޮފީސް ދަތުރެއްގައި ނ.މަނަދޫއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުނެވެ. އަޅުގަނޑަކީ އަބަދުވެސް ރަށްރަށުގައި ހުންނަ ޚާއްސަ ކަންކަމާއި، ތާރީޚާއި، އެރަށްރަށުގައި ދިރިއުޅޭ ތަފާތު މަސައްކަތްތައް ކުރާ މީހުންނާ ބެހޭ މަޢުލޫމާތު ހޯދަން ޝަޢުގުވެރިވާ މީހެކެވެ.

ނަސީބު ރަނގަޅުކަމުން މަނަދޫގައި ގާތް ރަޙުމަތްތެރިއަކުވެސް ހުރުމާއެކު ރަށަށް ފައިބައި އެންމެ ފުރަތަމަވެސް އެ ރަޙުމަތްތެރިޔާއާ ބައްދަލުވިއެވެ. ދެކެވުނު ވާހަކައިގައި އެރަށުގެ ޚާއްސަކަމާއި، ތަފާތު މަސައްކަތްކުރާ މީހަކު ނުވަތަ ބަޔަކު އުޅޭތޯ އަހާލީމެވެ. "ނިޝީސް އާޓް" ނަމުގައި އެރަށުގައި އާޓް ސްޓޫޑިއޯއެއް ހިންގާ ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު އުޅޭ ވާހަކަ އޭނާ ބުންޏެވެ. އެއާއެކު އޭނާއާއި ބައްދަލުކޮށްލާ، އޭނާގެ މަސައްކަތްތައް ދެކިލުމުގެ ޝަޢުގު ވަރަށް ބޮޑަށް އުފެދުނެވެ.

އެއީ ވަރަށްވެސް އާދަޔާ ޚިލާފު ހުނަރުވެރި ޒުވާނެކެވެ. އޭނާގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ވާހަކަ ވަރަށް ޝައުޤުވެރިއެވެ. މަސައްކަތްތަކަށް ބަލާލާފައި، އެއީ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ކޮށްފައިވާ މަސައްކަތެކޭ އެއްވެސް މީހަކު ހިތަކަށްވެސް ނާރާނެއެވެ.

ނ. މަނަދޫއަށް އުފަން އެރަށު ނިޝްމާ، ފާތުމަތު ނިޝްރީން އިބްރާހީމަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން އަންހެންކުއްޖެކެވެ. އުފުދުމުގައިވެސް އޭނާގެ ފަޔަށް ދިމާވެފައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހިނގާބިނގާވެ އުޅެން ދައްޗެވެ. އަދި ކޮޅަށް ހުރުމުގައިވެސް ދައްޗެވެ. އެއްފައި އަނެއްފަޔަށްވުރެ ދިގުވެފައި ވުމާއި އެއް ފައިގެ ވާގި ދަށްވުމުގެ ސަބަބުން ދިރިއުޅުމުގައި އުނދަގޫކަން ތަޙައްމަލުކުރަން ޖެހިފައިވެއެވެ.

އުމުރުން 25 އަހަރުގެ މި ޒުވާނާ ހޮބީއެއްގެގޮތުގައި ފަށައި މިހާރު ޢާމްދަނީ ހޯދުމަށްވެސް ކުރާ މަސައްކަތަކީ ކުރެހުމެވެ. ކުރެހުމުގެ ތެރެއިން ކުލަފިހީގެ ތަފާތު ހުނަރުތައް އޭނާ ވަނީ ދަސްކޮށްފައެވެ. އޭނާ މިކަމުގެ ތެރެއަށް ވަނީ ސްކޫލް ދައުރުގައި މަސައްކަތަށް އުފެދުނު ލޯތްބަކާއި ޝަޢުގެއްގެ ބޮޑުކަމުންނެވެ. ޕްރޮފެޝަނެއްގެގޮތުގައި އާޓްސްގެ ދާއިރާއަށް ވަދެވެވިދާނެއޭ މީގެ ކުރިން ނިޝްރީން ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. ފޫހިފިލުވަން ވަރަށްވެސް އާދައިގެ ގޮތަކަށް ފެށި މިމަސައްކަތް މިއަދު މިވަނީ އޭނާގެ ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ވެފައެވެ.

"ފުރަތަމަ ކާޓޫން އެއްޗެހި ކުރަހަންފެށީ ސްކޫލުގައި އުޅުނުއިރު ފޮތްތަކުގައި. ޕެންސިލް އާޓްސްއަށް ޝަޢުގުވެރިކަން ފުރަތަމަ އުފެދުނީ އެހާ ހިސާބުން. ސްކޫލް ނިންމާފައިވެސް، ސޯޝަލް މީޑިއާއަށް އެ ކުރެހުންތައް އެޅީމަ، ވަރަށް ޕޮޒިޓިވް ކޮމެންޓްތައް އައި ރައްޓެހިންގެ ފަރާތުން. ދެން އެ ހިސާބުން އަސްލު ޝަޢުގުވެރިކަން އުފެދުނީ" ނިޝްރީނަށް މިކަމުގެ ތެރެއަށް ވަދެވުނުގޮތް ކިޔައިދެމުން ބުންޏެވެ.

ނިޝްރީން ބުނިގޮތުގައި ސްކޫލް ދައުރު ނިންމައި ޢާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއްގެ ގޮތުގައި ކުރެހުމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ޝަޢުގު އެންމެބޮޑަށް އުފެދުނީ އޭނާގެ އާއިލާއާ ގާތް ރަޙުމަތްތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންނެވެ. ސްކޫލު ދައުރު ނިންމައި، ނިޝްރީން އިތުރަށް ކިޔަވަން ބޭނުންވީވެސް އާޓްސް އެންޑް ޑިޒައިންގެ ދާއިރާއިންނެވެ. އަދި އެފަދަ ފުރުޞަތެއް ލިބޭތޯ، އޭނާ މާލެގޮސް އެކި ކޮލެޖް ޔުނިވަރސިޓީތަކުގައި އަތްފުނާވެސް އެޅިއެވެ.

އެހެން ހުއްޓާ ނަސީބު އަތުގައި ހިފީ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، (އެން.ސީ.އޭ)ގެ ފަރާތުން 2018ވަނަ އަހަރު އޭނާއަށް ލިބުނު ފުރުޞަތެއްގެ ތެރެއިންކަމަށް ނިޝްރީން ބުންޏެވެ.

އެން.ސީ.އޭއިން ހިންގި ކޯހެއްގައި ބައިވެރިވެ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ އެންމެ ބޭސިކް ކަންކަން އޭނާ ދަސްކުރިއެވެ. މި ކޯހުގައި ފަންސުރާއި ކުލަފިހި ބޭނުންކޮށްގެން އެކިކަހަލަ ކުރެހުންތައް ކުރަހާނެގޮތް ކޯހުގައި ކިޔައިދިނެވެ. ކޯސް ނިންމައި އެނބުރި ރަށަށް އައިސް، ނިޝްރީން ދެން ބެލީ ޔޫޓިއުބުން އެކިކަހަލަ ޓިއުޓޯރިއަލްސްތައް ބަލައިގެންނާއި، މަޝްހޫރު އާޓިސްޓުންގެ ކުރެހުންތަކުން އިންސްޕިރޭޝަން ހޯދައިގެން އޭނާގެ ހުނަރުވެރިކަން އިތުރަށް ކުރިއެރުވުމަށެވެ.

"ރާއްޖޭގެ މަޝްހޫރު އާޓިސްޓުންގެ ކުރެހުންތައް ބަލައިގެން އެ ފެންވަރަށް ކުރެހޭތޯ ބެލީ. ހުންނާނެ ބައެއް އާޓިސްޓުންގެ އާޓިސްޓިކް ވޯކްސް ރީ-ކްރިއޭޓްވެސްކޮށްފައި. އެހެންގޮސް އަމިއްލައަށްވެސް ކުރަހަންފެށީ. މިހާރު ދެން އެކްރިލިކް އާޓިސްޓެއްގެގޮތުގައި އެކްރިލިކް ޕެއިންޓިންގްސް ހަމަ ކޮންމެ ވައްތަރެއްވެސް ކުރަހަން އެނގޭނެ" ނިޝްރީން ބުންޏެވެ.

އާޓިސްޓެއްގެ ގޮތުގައި ނިޝްރީން މިހާރު އެންމެ އެކްސްޕްލޯރކުރަން ބޭނުންވަނީ އެކްރިލިކް ޕުއޯރ ޕެއިންޓިންނެވެ. މިއީ މިހާރު ދުނިޔޭގައިވެސް ވަރަށް މަޤުބޫލުވަމުން އަންނަ ކުރެހުމުގެ ވައްތަރެކެވެ. ނަމަވެސް އެކަމަށް ބޭނުންވާ ސާމާނު ރާއްޖޭން ހޯދުމުގައި އުނދަގޫތަކެއް ހުރުމުން، އެ ދާއިރާއިން އަދިވެސް ކުރިއަށްދިއުމުގައި ގޮންޖެހުންތަކެއް ހުރިކަން ނިޝްރީން ފާހަގަކުރިއެވެ.

މި ދާއިރާއިން ނިޝްރީނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާއްމުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެކްގެ އިތުރުން އޭނާގެ އަމިއްލަ ނަމުގައި އާޓް ސްޓޫޑިއޯއެއް ހިންގުމުގެ ފުރުޞަތު ލިބުންކަމަށް ނިޝްރީން ބުންޏެވެ. މިއީ ނިޝްރީންގެ މައިންބަފައިންގެ ފަރާތުން އޭނާގެ ނުގުޑާފަދަ ހިތްވަރާއި، މަސައްކަތުގެ އަގުވަޒަންކުރުމުގެގޮތުން މަންމައާއި ބައްޕަގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާއެކެވެ.

ނިޝްރީން ބުނިގޮތުގައި އޭނާ މި ދާއިރާއިން ކުރިއަށްދިއުމުގައި އަދި ސްޓޫޑިއޯގެ ކަންކަން ކުރިއަށްގެންދިއުމުގައި އޭނާގެ އާއިލާގެ ދައުރު ވަރަށްވެސް ބޮޑެވެ. އެގޮތުން ތަނަށާއި، އޭނާގެ މަސައްކަތަށް ބޭނުންވާ އެކި އެއްޗެހި މާލެއިން ރަށަށް ފޯރުކޮށްދެނީ އާއިލާ މެންބަރުންނެވެ.

"މާލޭގައި ތިބޭ ކަޒިންސްއިން އެއްޗެހި ފޮނުވައިދޭނީ. ހަމަ އަޅުގަނޑު ބުނާ ހުރިހާ އެއްޗެއްވެސް ފޮނުވައިދޭނެ. އެއްޗެހި ފޮނުވައިދޭން އެންމެ ބޮޑަށް އަޅުގަނޑަށް އެހީވާނީ އަޅުގަނޑުގެ ކަޒިން ކޮއްކޮ އިފްހާމާއާއި ކަޒިން ދައްތަ އިލްހާމާ. އެ ދެ މީހުން އެންމެ ބޮޑަށް އެއްޗެއްސަށް އެހީވާނީ" ނިޝްރީން ބުންޏެވެ.

އަމިއްލަ އާޓް ސްޓޫޑިއޯއާއެކު، ކަރުދާހާއި ކެންވަސްގައި ކުރެހުމުގެ އިތުރަށް ނާއްޓާއި، ލަކުނޑި އަދި ޓީޝާޓުގައިވެސް ތަފާތު މަންޒަރުތައް ކުރެހުމުގެ މަސައްކަތް ނިޝްރީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި ކަލިގްރަފީގެ މަސައްކަތްވެސް އޭނާ ކުރެއެވެ. ނިޝްރީނަކީ މަނަދޫގައި މިވަގުތު އަމިއްލަ ސްޓޫޑިއޯއެއްގައި މި މަސައްކަތް ކުރާ ހަމައެކަނި ޒުވާނާއެވެ.

ނިޝްރީންގެ ސްޓޫޑިއޯއިން އަޅުގަނޑަށް އޭނާގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ފެނިގެންދިޔައެވެ. ބައެއް މަޝްހޫރު ކުރެހުންތައް އަސްލަކަށް ބަލައިގެން އޭނާ އަމިއްލައަށް ކުރަހާފައި ހުރި ތަފާތު އާޓްވޯކްސްތައް ސްޓޫޑިއޯގެ ފާރުގައި ޑިސްޕްލޭކޮށްފައިވާއިރު، އެއިން ކޮންމެ ކުރެހުމަކުން ތަފާތުކަމެއް ދައްކުވައިދެއެވެ. ސްޓޫޑިއޯގައި ޑިސްޕްލޭކޮށްފައި ހުރި ކުރެހުންތަކުގެ ތެރޭގައި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ ތާރީޚާއި، ސަޤާފަތާއި، ގުދުރަތީ މުއްސަނދިކަމާއި ހިތްގައިމުކަން ރަމްޒުކޮށްދޭ ކުރެހުންތައް ހުއްޓެވެ.

ނިޝްރީން ބުނިގޮތުގައި އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ބުރަ އަދި އެންމެ ތަފާތު މަސައްކަތަކީ ކައުންސިލް އިދާރާގެ ހުށަހެޅުމަކަށް ނާށިތަކެއްގައި ކުރަހަން ލިބުނު ފުރުޞަތެވެ. 12 ނާށީގައި އޭނާއަށް ކުރަހަންޖެހުނީ ހަމަ އެއް މަންޒަރެއް އެއްގޮތަކަށެވެ. މި މަސައްކަތަށް 13 ވަރަކަށް ގަޑިއިރު ހޭދަވިއިރު، ނިޝްރީން މި ނާށިތަކުގައި ކުރަހާފައިވަނީ ކުރީގައި މަނަދޫ ފަޅުތެރޭ އޮންނަ ބޮޑުހުރާގެ މަންޒަރެކެވެ. އެއީ އެ ރަށުގެ ތާރީޚާއި ގުޅިފައިވާ ޚާއްސަ މަންޒަރެކެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ނިޝްރީންގެ ބައްޕަ ޢިބްރާހީމް ޢަލީ ބުނިގޮތުގައި ނިޝްރީނަކީ އެންމެ ކުޑައިރުންފެށިގެންވެސް ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެނަމަވެސް، އެކަމުންވެސް ބެލީ ޕޮޒިޓިވް މައިންޑް ސެޓަކާއެއްކޮށް ކުރިއަށްދިއުމަށްކަމަށް ނިޝްރީންގެ ބައްޕަ ބުންޏެވެ.

ނިޝްރީނަކީ އޭނާ ކުރާކަމެއް ވަރަށް ކުރާ ހިތުން ޝަޢުގުވެރިކަމާއެކު ކުރާ ކުއްޖެއްގެ ގޮތުގައި އޭނާގެ ބައްޕަ ސިފަކުރެއެވެ. އަދި ނިޝްރީންގެ މަސައްކަތާމެދު އޭނާގެ މުޅި އާއިލާ އަބަދުވެސް ފަޚުރުވެރިވާކަމަށް ނިޝްރީންގެ ބައްޕަ ބުންޏެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ގޭގައި މީހުންނަށް އުނދަގޫ ނުވާކަހަލަ މަސައްކަތްތައް ކުރަމުން އޭނާ ގެންދާތީ. އަޅުގަނޑުމެންނަށް އަނެއްހެން ވަރަށް މާލީގޮތުންވެސް އެހީތެރިވާންވެސް ނުޖެހޭ. އަމިއްލައަށް ހަމަ ފައިސާ ހޯދައިގެން އެ މަސައްކަތް ކުރަމުން އެ ގެންދަނީ. މިތަން ހަދައިދީފައި މިހުރީ އަޅުގަނޑުމެން ދެމަފިރިންގެ މަސައްކަތުން. އަޅުގަނޑުމެން ވަރަށް ލޯބިން ގެންގުޅޭ ކުއްޖެއް ނިޝްރީނަކީ" ޢިބްރާހީމް ޢަލީ ބުންޏެވެ.

އެގްޒިބިޝަނެއްގެ ތެރެއިން އަމިއްލަ މަސައްކަތްތައް އެހެން މީހުންނަށް ދައްކާލުމަކީ ނިޝްރީން މިހާރު ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ. އަދި އޭނާ ހުރީ އެފަދަ ފުރުޞަތަކަށް ކެތްމަދުވެފައެވެ.

ކޮންމެއަކަސް ނިޝްރީނާއެކު ހޭދަވި މަދުވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑަށް ދަސްވި ވަރަށް މުހިއްމު ފިލާވަޅެއް އެބައޮތެވެ. އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް ނިޝްރީންމެންފަދަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމަޢުން އެއްފަރާތްކޮށްލެވޭ ތަން އެބަފެނެއެވެ. އެފަދަ މީހުންނާއި ކުދިންގެ ފުށުން މުޖުތަމަޢަށް މާބޮޑު ފައިދާއެއް ނުކުރާނެއޭ ބުނެ އެކަހެރިކޮށްލުމުގެ ވިސްނުން ގެންގުޅޭ މީހުން އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި މަދުންނަމަވެސް އެބައުޅެއެވެ.

ނިޝްރީންގެ މި ކުޑަކުޑަ އާއިލާއިން އެފަދަ ކޮށި ވިސްނުން ގެންގުޅޭ މީހުންނަށް މި ދައްކުވައިދިނީ ކިހާ ރީތި ނަމޫނާއެއް ހެއްޔެވެ. ލޯތްބާއި ކުލުނާއި، އޯގާތެރިކަމާއި ބޭނުންވާ އަޅާލުންދީގެން ބޮޑުކޮށްފިނަމަ އެފަދަ ކުދިންނަކީވެސް މުޖުތަމަޢުގެ މުހިއްމު ހިއްސާއަކަށް، މުހިއްމު ބައިވެރިއަކަށް ހެދިދާނެކަމެވެ.

ޝައްކެއްވެސް ނެތެވެ. ނިޝްރީންގެ ހިތްވަރާއި، މަސައްކަތުގެ ޖޯޝަށް އައްސަރިބަހާއި ސާބަސް ހައްޤެވެ. ހިނގާބިނގާވެ އުޅެން އުނދަގޫވިނަމަވެސް، ނިޝްރީންގެ ކުލަފިހިން އޭނާ އެ ދަނީ އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަމުންނެވެ. އޭނާއަކީ މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެހުރި، ހިތްވަރުގަދަ ނަމޫނާ ޒުވާނެކެވެ.