މުނިފޫހިފިލުވުން

އަނުޝްކާ އަނެއްކާވެސް ސްކްރީނަށް


2018ވަނަ އަހަރު ދެއްކި ފިލްމު "ޒީރޯ" އަށްފަހު މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރުމާ ސްކްރީނުން ގެއްލި ނުފެންނަތާ މިހާރު 2 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަނުޝްކާގެ ފޭނުން މިހާރު ތިބޭނީ އޭނާގެ ފިލްމެއްގެ އިންތިޒާރުގައިކަން ޔަޤީނެވެ.

ބްރޭކަށްފަހު އަނުޝްކާ އަނެއްކާވެސް ސްކްރީނަށް އަންނަ ތައްޔާރުވެއްޖެކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މިގޮތުން ދެ ތިއަރިޓިކަލް ރިލީޒް އަކަށާއި އެއް އޯޓީޓީ އަށް ސޮއި ކުރުމަށް އަނުޝްކާ މިހާރުވަނީ ތައްޔާރުވެފައެވެ. މި ތިން ފިލްމަކީވެސް ވަރަށް ވަރުގަދަ ތިން ފިލްމަށްވާނެކަމަށް ޚަބަރުތައް ބުނެއެވެ.

މިދިޔަ އަހަރު ކުރީކޮޅު އަނުޝްކާގެ އެންމެ ހިޓް ވާހަކައަށް އިވިގެންދިޔައީ އިންޑިއާ ޓީމްގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޖޫލާން ގޫސްވާމީގެ މައްޗަށް ހަދާ ބަޔޯޕިކްގައި އަނުޝްކާ ފެނިގެންދާނެ ވާހަކައެވެ. ކަލްކަތާ ދަނޑުގައި އިންޑިއާ ކްރިކެޓް ޓީމްގެ ޖާޒީ ލައިގެން އަނުޝްކާހުރި ފޮޓޯއެއްވެސް އެ ދުވަސްވަރު ވަނީ ޢާންމުވެފައެވެ. ފަހުން ހާމަވެފައިވާ ގޮތުގައި އެ ފޮޓޯއަކީ ސޮނީ ޕިކްޗާރސް އިން ޕްރޮޑިއުސްކުރާ މި ފިލްމު އިޢުލާނުކުރުމަށް ހެދި ވީޑިއޯއަކަށް ނެގި ފޮޓޯއެކެވެ. އަދި އޭގެފަހުން އަނުޝްކާ އެ ފިލްމު ނުކުޅޭނެ ކަމުގެ ވާހަކަތަކެއްވެސް ވަނީ އިވިފައެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އަނުޝްކާގެ ކައިވެންޏަށް ވަނީ މިއަހަރު ކުރީކޮޅު އަންހެން ކުއްޖަކު ލިބިފައެވެ. އަދި އަނުޝްކާ މިހާރު ގޭގައި މަޑުކޮށްގެން އިނީ ދަރިފުޅުގެ ކަންކަން ބެލުމަށްކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ މަސައްކަތް މިއަހަރުވެސް ފެށޭވަރުވާނެ ކަމަކަށް ނުބެލެވެއެވެ.