ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އެސްއެސް ރާޖްމޯލީގެ ފިލްމު "އާރްއާރްއާރް"ގެ ވާހަކަތަކެވެ. ފިލްމުގެ މަސައްކަތް ފެށި ހިސާބުންވެސް މި ފިލަމަށް އިންތިޒާރުކުރާ މީހުންގެ ލިސްޓުވަނީ އެތައް ހާހަކަށް އަރާފައެވެ.
އަންނަމަހު ފިލްމު ރިލީޒްކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު ފިލްމުގެ ބުކިންގްތަކަށް ޕްރީ ސޭލްސްގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމެރިކާގެ ބޮކްސް އޮފީހުން މިހާރުވެސް ވަނީ ލިބިފައެވެ. މިއީ އިންޑިއާއިން އުފައްދާފައިވާ ފިލްމަކަށް މިހާބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒްކުރުމުގެ ދެ ހަފްތާ ކުރިން މިހާރު ވަނީ ބުކިންގްސްތައް ހަދާފައެވެ.
"އާރްއާރްއާރް" އަކީ 1920 ގެ އަހަރުތަކުގައި ހިނގާދިޔަ ޚިޔާލީ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ދެތަރިންގެ އިތުރުން މަޝްހޫރު ތެލެގޫ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ވެސް މި ފިލްމުން ފެންނާނެއެވެ.
އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހުރުވައަކުން ގެނެސްދޭން ނިންމާފައިވާ "އާރްއާރްއާރް" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ސެޓެލައިޓް/ޑިޖިޓަލް ރައިޓްސް ހޯދަން ސްޓާ ނެޓްވޯކުން ވަނީ 200 ކްރޯޑް ރުޕީސް ހުށަހަޅައިފަ އެވެ.
މި ފިލްމުގެ ގެ ޑިޖިޓަލް ރައިޓްސް ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އަށް ދޫކޮށްލިއިރު މި ފިލްމު އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ޑިސްޓްރިބިއުޓްކުރަން ރައިޓްސް 70 ކްރޯޑް ރުޕީސް އަށް ޕެން ސްޓޫޑިއޯސް އަށް ވިއްކާލާފައިވާ ކަމަށް މިދިޔަ އަހަރު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.