ކުޅިވަރު

އިދިކޮޅަށް ނުކުންނަ ޓީމުތަށް އަންޑަ އެސްޓިމޭޓެއް ނުކުރާނަން : އިންމަ


ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީއާ ދެކޮޅަށް ނުކުންނައި ސުޕަޔުނައިޓެޑުން އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ނުކުރާނެކަމަށް އެޓީމުގެ ކޯޗު އިސްމާޢީލް މަޙްފޫޒް (އިންމަ) ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ ސުޕަޔުނައިޓެޑު (ސަސް) އިން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ އިދިކޮޅަށް ނުކުންނަ ޓީމެއް ބަލައި އެޓީމަކާ ދެކޮޅަށް ނަތީޖާ ނެރެވޭ ގޮތަށް ޓީމު ރާވައިގެން ކަމަށެވެ.

މި ވަގުތަށް ބަލާއިރު ރަށްރަށުގެ މުބާރާތްތަކުގައި ކުޅެން ނިންމާފައިވާ ކުޅުންތެރިންތަކެއް ސަސްގައި ވެސް އެބަތިބި ކަމަށް އޭނާ ބުންޏެވެ. އަދި ރަނގަޅު އުސޫލެއްގެ ތެރެއިން އެ ކުޅުންތެރިންނަށް އުނދަގޫ ނުވާނެހެން މެނޭޖް ކުރެވޭތޯ ބަލަމުން އަންނަ ކަމަށްވެސް އިންމަ ބުންޏެވެ.

ކުޅުންތެރިން ރަށްރަށުގެ މުބާރާތްތަކަށް ދާ އެއް ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ބަރާބަރަށް މުސާރަ ނުދޭތީއެވެ. މިދިޔަ ދެތިން ސީޒަނުގައި ކަންހިނގާފައިހުރި ގޮތަށް ބަލާއިރު އެއީ އެކަން އޮތްގޮޔތްކަމަށް އިންމަ ވެސް އެއްބަސްވެއެވެ.

"ކުޅުންތެރިން ރަށްރަށަށް ގެންގޮސްގެން އެމީހުންގެ ހިތްހަމަ ޖެހުމަށް މުބާރާތް ޕްރޮމޯޓް ކުރުން މައްސަލައެއް ނޫން. އެކަމަކު މައްސަލަ އަކަށް ވަނީ ޑިސެމްބަރު މަހު ބޮޑެތި މުބާރާތްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމާއި ލީގާ ދިމާވެގެން މި އުޅެނީ" އިންމަ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ރަށްރަށުގައި އޮންނަ ފުޓްބޯޅަ މުބާރާތްތައް ކުޅެން ދިއުމަކީ ހަގީގަތުގައި ރަނގަޅުކަމެއްކަމަށާއި މައްސަލައަކަށް ދިމާވާ ސަަބަބަކީ ފުރަތަމަ ޑިވިޝަނާއި ރަށްރަށުގެ މުބާރާތްތައް އެއް ވަގުތެއްގައި ކުޅެން ޖެހޭ ފަދަ ހާލަތެއް މެދުވެރިވުންކަމަށް އިންމަ ވަނީ ފާހަގަކޮށްފައެވެ.

ސަސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުން މާޒިޔާ އަތުން 2-0 އިން ބަލިވެފައެވެ. އެ މެޗުގައި ސަސް އިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިއަދު ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި ސަސް ކުޅޭ ދެ ވަނަ މެޗުގައި ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.