ގިނަ ދުވަސްތަކެއް ވަދެން ޤައުމަށް ގިނަގުނަ ޚިދުމަތްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޯވިޑް-19އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ޢުމަރު ޒާހިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މީގެ ހަތަރުވަރަކަށް ދުވަހުގެ ކުރިން ކޯވިޑަށް ޓެސްޓްކުރެއްވުމުންނެވެ. ޢުމަރު ޒާހިރުގެ ޢާއިލާއިން މަޢުލޫމާތު ދެއްވިގޮތުގައި އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ. ގަދަ ހުމުގެ އާލާސްކަންފުޅެއް ޖެހި، ހިންގަވައި އުޅުއްވުމަށްވެސް އެމަނިކުފާނަށް އުނދަގޫފުޅުކަމަށް ޢާއިލާއިން މަޢުލޫމާތު ދެއްވައެވެ.
ޢުމަރު ޒާހިރުގެ ޙާލުކޮޅު މިއަދު އިތުރަށް ސީރިއަސްކަމަށާ، މިވަގުތު ފަރުވާ ހޯއްދަވަމުންގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން ގުޅައިގެންކަމަށްވެސް ޢާއިލާއިން މައުލޫމާތު ދެއްވައެވެ.
މިހާރު ޢުމުރުފުޅުން 85 އަހަރުފުޅުގެ ޢުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަޤާމެއް ފުރުއްވާފައިވާ ޚިދުމަތްތެރި އިޚްލާސްތެރި ބޭފުޅެކެވެ. 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
ރާއްޖޭގެ ތަރައްްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއްކޮށްދެއްވާފައިވާ ޢުމަރު ޒާހިރު ވަނީ 1983ވަނަ އަހަރުން ފެށިގެން 1988ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988އިން ފެށިގެން 1993ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ޢުމަރު ޒާހިރަކީ ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ޢުމަރު ޒާހިރުގެ ހިއްސާ ވަރަށްބޮޑެވެ. މާލޭގެ މަގު ހެދުމުގެ މަޝްރޫއާއި އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢުއާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށީގެ މަޝްރޫއު ފަދަ ބޮޑެތި ބައެއް މަޝްރޫޢުތަކަކީވެސް ޢުމަރު ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި ބޮޑެތި މަޝްރޫޢުތަކެވެ.