ކުޅިވަރު

އަގުއެރޯ ފުޓްބޯޅަ ކުޅެން ހުއްޓާލަން ނިންމައިފި


ހިތުގެ ސީރިއަސް މައްސަލަތަކެއް ފާހަގަކުރެވިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔަކު ބުނެފިއެވެ.

ސްޕެއިނާއި ދެކުނު އެމެރިކާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ އަގުއޭރޯ ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ރިޕޯޓްކޮށްފައެވެ. އެކަމަކު، ރަސްމީކޮށް މިހާތަނަށް އަގުއޭރޯ އެކަން އިއުލާނެއް ނުކުރެއެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ އަގުއޭރޯ ރިޓަޔާކުރަން ނިންމިކަން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށް ބުނެފައެވެ. ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ބަގަލޫ ބުނީ މާދަމާ އަގުއޭރޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރާނެ ކަމަށެވެ.

އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރިއެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިތުގެ ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު އެޓީމު ދޫކޮށް މި ސީޒަން ފެއްޓުމުގެ ކުރިން ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް އޭނާ ވަނީ ބަދަލުވެފައެވެ.