އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ އެއް ވަނައަށް ޖެހިލައިފިއެވެ.
އިންޓަ އިން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ 29 ވަނަ މިނިޓްގައި ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން ލައުޓާރޯ މާޓީނޭޒް ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އިންޓަގެ މާޓީނޭޒް ފޮނުވާލި ޕެނަލްޓީ ކަލިއަރީ ކީޕަރު އަލެސިއޯ ކްރާނޯ ވަނީ މަތަކޮށްފައެވެ. ދެ ވަނަ ގޯލެއް ޖަހަން އިންޓަ އިން ކުރި މަސައްކަތް މެޗުގެ 50 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒެއެވެ. މެޗުގެ 66 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ގޯލު ޖެހީ ޗަނޮނޮގްލޫއެވެ.
އޭގެ ދެމިނިޓު ފަހުން މާޓީނޭޒް ވަނީ އިންޓަގެ ހަތަރު ވަނަ ގޯލު ޖަހައިދީފައެވެ. އިންޓަ އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 17 މެޗުން 37 ޕޮއިންޓް ލިބިފައެވެ. އަދި އެއް ވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނަޕޯލީ މިހާރު ހަތަރުވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓާއެކުއެވެ.
ފަސް ވަނައިގައި ފިއޮރެންޓީނާ އޮތީ 17 މެޗުން 30 ޕޮއިންޓާއެކުއެވެ. ޔުވެންޓަސް އޮތީ 17 މެޗުން 28 ޕޮއިންޓާއެކު ހަ ވަނައިގައެވެ.