ކުޅިވަރު

ބާސާ އެއްވަރުވެ ހާސްކަމެއްގެ ތެރޭގައި


ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެއްވަރުވެ ހާސްކަން ކުރިމަތިވެއްޖެއެވެ. ރަށުން ބޭރުގައި އޮސެސޫނާއަށް ދެކޮޅަށް ކުޅެ ބާސާ އެއްވަރުވީ ލީޑު އޮތުމަށްފަހު ފަހުވަގުތުއެވެ. ޗުގެ ބާސެލޯނާ އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގެ ބާސެލޯނާގެ ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމުރުން އެންމެ 19 އަހަރުގެ ޒުވާން ދެކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު ނިކޮލާ ގޮންޒާލޭޒް ކާމިޔާބުކުރި އިރު ދެވަނަ ލަނޑު އަބްދުއްސަމަދު އެޒްޒަލްޒޯލީއެވެ.

އޮސަސޫނާއިން ފުރަތަމަ ލަނޑު ފުރަތަމަހާފުގެ ވަރަށް ކުރީކޮޅު މެޗުގެ 14ވަނަ މިނެޓަގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ގަސިއަރއެވެ. އޮސަސޫނާއިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އިޒެކުއިލް އަވީލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެންމެފަހުން ކުޅުނު ދެމެޗުން ބަލިވި ބާސެލޯނާއިން ރޭގަ މެޗުގައި ވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމަށް ވަނީ ލީޑު ދެމެހެއްޓޭ ގޮތްނުވެފައެވެ.

މި ސީޒަނުގައި ބާސެލޯނާއިން ބައިކޮޅަށް ލަނޑެއް ވައްދާނުލާ މިހާތަނަށް ނިންމާލީ އެންމެ ތިން މެޗެވެ. ރޭގެ މެޗު އެއްވަރުވުމުން ބާސެލޯނާ މިހާރު އުޅެނީ ލީގުގައި ކުރީގައިވާ މެޑްރިޑަށްވުރެ 18 ޕޮއިންޓު ފަހަތުގައިއެވެ.