ކުޅިވަރު

އެމްބާޕޭގެ ދެލަނޑުން ޕީއެސްޖީ ލީގުގެ ކުރީގައި ލީޑު ދަމަހައްޓައިފި


ފްރެންޗް ލީގުވަންގައި ޕީއެސްޖީ މޮޅުވެ ލީގުގެ ކުރީގައި ބޮޑު ލީޑެއް ދަމަހައްޓައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީ މޮޅުވީ މޮނާކޯއާ ވާދަކޮށް 2-0 ލަނޑުންނެވެ.

މެޗުގައި ޕީއެސްޖީ ޖެހި ދެލަނޑުވެސް އެޓީމުން ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުން ކައިލަން އެމްބާޕޭއެވެ. އެމްބާޕޭ ފުރަތަމަ ލަނޑު ޕެނެލްޓީއަކުން ކާމިޔާބު ކޮށްދިނީ މެޗުގެ 12ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ފުރަތަމަހާފުގެ 45 ވަނަ މިނިޓުގައި ވެސް އެމްބާޕޭ ޖެހީ ލިބުނު ޕެނެލްޓީއަކުންނެވެ.

ރޭގައި ޖެހި 2 ލަނޑާއެކު އެމްބާޕޭ ވެފައިވަނީ ފްރާންސް ލީގުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ރޭގެ މެޗުގައި މޮނާކޯއިން ވަނީ ޕީއެސްޖީއަށް ވުރެ ގިނައިން ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލަފައެވެ. މި މޮޅާއެކު ޕީއެސްޖީން ވަނީ ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި ތިންވަނައިގައި އޮތް ރެނޭސް ޕީއެސްޖީއާ ދެމެދު 14 ޕޮއިންޓު ތަފާތެއް އެބައޮތެވެ.

މާސޭ ވާނީ ރޭ ރަށުންބޭރުގައި ސްޓްރަސްބޯގް އަތުން 2-0 ލަނޑުން މޮޅުވެފައެވެ. މި މޮޅާއެކު މާސޭ އޮތީ ޕީއެސްޖީ އަށް ވުރެ އެއްމެޗު މަދުން ކުޅެގެން ދެވަނައިގައެވެ. ކުޅުނު 17 މެޗުން މާސޭއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި އޮތް ރެނޭސް ވަނީ ރޭގައި އަމިއްލަދަނޑުގައި ނައިސް އަތުން 2-1 ލަނޑުން ބަލިވެފައެވެ. ރެނޭސް ތާވަލުގައި ތިންވަނައިގައި 31 ޕޮއިންޓާއެކުއެވެ.

ނައިސް އޮތީ ރެނޭސް ވުރެ އެއްޕޮއިންޓު މަދުން ހޯދައިގެން 30 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. މޮނާކޯ އިން ރޭގެ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ރޭގެ މެޗުން ބަލިވުމާއެކު މޮނާކޯ އޮތީ ތާވަލުގެ 8 ވަނައިގައެވެ.