ޑްރަގް އެންފޯސްމަންޓުން ކ. މާފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 51 ދިވެހި ފިރިހެނަކާއި 28 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
މި ހަމީހުން ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމަށް އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް އެރަށަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި މާފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގައެވެ.
މި ދެއޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކުއެވެ. މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކޮށްގެންނެވެ. އެސަފާރީ ބަލައިފާސްކޮށް 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.