ސްރީލަންކާގައި މިހާރު ކުރިޔަށް ފޯނޭޝަންސް ކަޕުގައި ފަހުމެޗަށް ސީޝޭލްސް އިން ރާއްޖޭއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ޕްރެޝަރެއް އޮތީ ރާއްޖެއަށް ކަމަށާއި ބޭނުންވަނީ މެޗުގައި ރާއްޖެއަށް އެ ޕްރެޝަރު ބޮޑުކުރަން ކަމަށް ސީޝޭލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފިއެވެ.
ބޯތު ބުނީ މެޗަށް ރާއްޖޭ ނުކުންނާނީ ޕްރެޝަރުގައި އޮވެގެން ކަމަށާއި ސީޝޭލްސްއިން އެކަމުގައި ފައިދާ އެންމެ ފުރިހަމަޔަށް ނަގާނެކަމަށެވެ. މެޗުގައި ފުރުސަތުގެ ގޮތުން ސީޝޭލްސްއަށް އެޑްވާންޓޭޖް ބޮޑު ނަމަވެސް އެ ޓީމުން މަސައްކަތް ކުރާނީ އެޓޭކިން ފުޓްބޯޅައަކަށް ކަމަށް ބޯތު ބުންޏެވެ. ބޯތު ބުނީ މުބާރާތުގައި ރާއްޖޭގެ ކުޅުން ފެނިގެން ހިނގައްޖެކަމަށާ އެނާ ބޭނުންވަނީ ޕާސްޖަހައިގެން ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެންކަމަށެވެ.
ބޯތު ބުނީ ބައެއްފަހުރު ފުޓްބޯޅަ ފިޒިކަލް ވުމުން މީހުންގެ ޝައުގުވެރިކަން ގެއްލޭކަމަށެވެ. އެނާ ބުނީ މިމުބާރާތުގައި ސީޝޭލްސްއަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށެވެ. މުބާރާތުގައި އެހާ ހަމަޖެހިގެން ތިބެ ކުޅުމުގެ ސިއްރަކީ އެހެންކަމަށް ވެދާނެކަމަށް ބޯތު ބުންޏެވެ. ބޯތު ބުނީ ސީޝެލްސްއިން މުބާރާތާ ކުރިމަތިލީ ދިގުމުއްދަތަކަށް ފުޓްބޯޅައާ ދުރުގައި ތިބުމަށްފަހު ކަމަށެވެ. އެހެންކަމުން މި މުބާރާތައް އައީ ހަމަ ވާދަކޮށްލުމުގެ ނިޔަތުގައި ކަމަށް ބޯތު ބުންޏެވެ.
" އަހަންނަށް ރާއްޖެ ކުޅޭތަން ފެނިއްޖެ. ރާއްޖެ މިމެޗަށް އަންނާނީ ވަރަށް ޕްރެޝަރުގައި އޮވެގެން. ބޭނުންވަނީ އެކަމުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑުކޮށް ނަގަން." ބޯތު ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ބަންގަލަދޭޝްއާ ދެކޮޅަށް ކުޅުނު ގޮތަށް ރާއްޖެއާ ދެކޮޅަށް ކުޅެ ސީޝޭލްސްއަށް ޕޮއިންޓެއް ހޯދި ދާނެކަމަށެވެ. ސީޝޭލްސްއިން މުބާރާތުގައި ވަކި ޓާގެޓެއް ހޯދުމުގެ ޕްރެޝަރެއް ނެތްކަމަށް ބޯތު ބުންޏެވެ. ލީގު ބުރުގެ ފަހު ދެ މެޗު މިއަދު ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެއެވެ. ދެ ވަނަ މެޗުގައި މިރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ.
ލީގު ބުރުގެ އެއް ވަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ.
ސީޝެލްސް އާއި ބަންގްލަދޭޝަށް މާދަމާ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެއެވެ. ރާއްޖެ އާއި ލަންކާ ޖެހޭނީ ފައިނަލުގެ ޖާގަ ހޯދަން މޮޅުވާށެވެ.