ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ލިބޭ ގެއްލުމުގެ ސަބަބުން ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށްވާ ހިސާބުން ދިވެހިން ބަލައިގަންނާނަންތޯ ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއިން ސުވާލުކޮށްފިއެވެ. ރާއްޖެއިން މިފަދައިން ސުވާލުއުފައްދާފައިމިވަނީ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން ނިމުމާއި ގާތްވެފައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ އުއްމީދު ސަމިޓާމެދު ގެއްލިފައިވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ފޯރ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ސަމިޓާމެދު ގިނަ ޤައުމުތަކަކުން އުއްމީދު ގެއްލުވާލާފައިވީ ނަމަވެސް ރާއްޖެއަށް އެފުރުސަތު އޮތްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އެހެންކަމުން އުއްމީދާއެކު މަސައްކަތްކުރުން ނޫންގޮތެއް މިއަދު ދިވެހިންނަށް ނެތްކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.
ބޮޑެތި ޤައުމުތަކުން ސަމިޓުގައި ދެއްކިވާހަކަތާއި ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ބޮޑެތި ޤައުމުތަކަށް މިކަމުގެ ސީރިއަސްކަން ވަޒަން ނުކުރެވޭކަމަށް މިޤައުމުތަކުން ދެކެއެވެ. ރާއްޖޭގެ ކުރިމަގާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވަނީ ދުނިޔޭގެ ޤައުމުތަކަށް ސުވާލެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖެއަށް ކުރިމަގުގައި ކުރިމަތިވާނެ ކަމެއް ނޫންކަމަށާއި އެއީ މިއަދުގެ ދިވެހިންގެ ޙަގީގަތްކަން ތަކުރާރުކުރައްވަމުން މިނިސްޓަރ ވަނީ މިފަދަ ކާރިސާތަކުގެ ސަބަބުން ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށްވާ ހިސާބުން 4 ލައްކަ ދިވެހިން ބަލައިގަންނާނީ ދުނިޔޭގެ ކޮން ޤައުމަކުންތޯ ސުވާލުކުރައްވާފައެވެ.
ރާއްޖެއިން މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ތިމާވެށީގެ ގޮންޖެހުން ކުރިމަތިވަމުންދާ ޤައުމުތަކުން ބުނަމުންދަނީ ކޮޕް26އާއި މެދު ކުރި އުއްމީދު ގެއްލިފައިވާކަމަށެވެ. އުއްމީދުކުރިވަރާ ގާތަށްވެސް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވާހަކައިގެ މޭރުމާއި މިކަމަށް ޢަމަލުކުރުމަށް ތައްޔާރު ނޫންކަން އެނގި ހާމަވެއްޖެކަން މިޤައުމުތަކުން ފާހަގަކުރެއެވެ. މިގޮތުން ފޯރ ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ސައުތު ޕެސިފިކްގެ ޖަޒީރާ ޤައުމެއްކަމަށްވާ ތުވަލޫގެ ކްލައިމެޓް އެންޑް ފިނޭންސް މިނިސްޓަރ ވަނީ ކޮޕާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.
"Tuvalu is literally sinking."
— Channel 4 News (@Channel4News) November 12, 2021
Tuvalu's Climate Minister Seve Paeniu urges leaders at the COP26 summit to use Glasgow as a "defining moment" in the fight against climate change, saying "it's a matter of life and survival for many of us".#EmergencyOnPlanetEarth pic.twitter.com/F4Vgq3yhv8
މިފަހަރުގެ ސަމިޓުގައި އެންމެ ވަރުގަދަ އެއް ތަޤުރީރަށް ވެފައިވަނީވެސް ތުވަލޫގެ ކްލައިމެޓް މިނިސްޓަރ ސެވޭ ޕީނިއޯގެ ތަޤްރީރެވެ. ސެވޭ ވިދާޅުވީ ސައުތު ޕެސިފިކްގެ ޖަޒީރާ ކުޑަ އެޤައުމު އަޑިއަށް ދަނީކަމަށެވެ. އަދި މިއީ އެޤައުމުގެ ރައްޔިތުންގެ ދިރިހުރުމާ ގުޅުންހުރި މައްސަލައެއްކަމަށްވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިނިސްޓަރވަނީ ގްލާސްގޯ ސަމިޓުގެ ބައިވެރިންގެ ކިބައިން އާދޭހާއެކު މިވަގުތު މިއީ ޢަމަލުގެ ވަގުތަކަށް ހައްދަވާދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މިއާއެކު މުޅި ސަމިޓުގެ ހުރިހާ ބައިވެރިންވަނީ 25 ސިކުންތުވަންދެން ހޫނު އަތްތިލަބަޑީގެ މަރުޙަބާއެއް ތުވަލޫގެ މިނިސްޓަރަށް އަރުވާފައެވެ.
ކޮޕް26 ހުކުރު ދުވަހު ނިމޭގޮތަށް އޮތް ނަމަވެސް މިކަމުގައި ޤައުމުތަކުން ކުރަންބޭނުންވާ މަޝްވަރާތަކާއެކު ނިންމުމަކާ ހިސާބަށް އައުމަށް އަދި ވަގުތު ބޭނުންވާތީ އެކަން ކުރުމަށް އިތުރު އެއްދުވަހުގެ މުއްދަތުވަނީ ކަނޑައަޅާފައެވެ.