ޚަބަރު

ފުލުހުންގެ ބޮޑީ ވޯން ކެމެރާ އަންނަ އަހަރު ޖެނުއަރީގައި ބޭނުން ކުރަން ފަށަނީ


ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭނުން ކުރަން ފަށާނެކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަޕަރ ނޯތު ޕޮލިސް ރީޖަން އަދި ނޯތު ޕޮލިސް ރީޖަންގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ޚިދުމަތް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށެވެ.

ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ޤާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ބޭނުން ކުރެވޭ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ މަގު ފަހި ކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒުކަމަށެވެ. މިގޮތުން ފުލުހުންގެ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ފުލުހުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތަކާއި، އަދި ބައެއް ހާލަތްތަކުގައި އާންމުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށްވެސް ފަސޭހަ ވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ފުލުހުންގެ އިންސާނީ ވަސީލަތް ބޭނުން މިކުރެވެނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ދިރާސާއެއް ކުރުމަށް. ހަމަ މިއާއިއެކު ފުލުހުންގެ ހިންގުމަށް އިދާރީ ގޮތުން ސްޓްރަކްޗާއަށް މިމަހު ބޮޑެތި ބަދަލުތަކެއް ގެންނަން. ދެން ހަމަ މިއާއެކު ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ބޮޑީ ވޯން ކެމެރާވެސް އަންނަ އަހަރު ޖެނުއަރީން ފެށިގެން ބޭނުން ކުރަން ފެށޭނެ." ސީޕީ ވިދާޅުވިއެވެ.

މި ޕްރެސްގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި، ބޭނުންވާ ވަސީލަތްތައް ހޯދުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ހަމަ މިއާއެކު ފުލުހުންގެ ވަޒީފާއަށް އިތުރު މުވައްޒަފުން ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތާއެކު ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ ގޮތް ތަނަވަސްވެ، ރަށްތަކުގައި ކުށްތައް މަދު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. އަދި ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.