ޚަބަރު

މާދަމާ މަޖިލީހަށް ބަޖެޓް ހުށަހަޅަނީ


އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ހުށައެޅުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހގެ ޖަލްސާ މާދަމާ ހެނދުނު 9:00އަށް ތާވަލުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ކަނޑައަޅާފައިވާއިރު، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ.

މާދަމާ ބައްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ހ. ގައިވާގޮތުގެމަތިން، 2022 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ހުށަހެޅުމެވެ.

މާދާމާގެ ޖަލްސާގައި ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއެވެ. ޢާންމުކޮށް ބަޖެޓް މަޖިލީހަށް ފޮނުވުމަށްފަހު މިނިސްޓަރ ޕްރެޒެންޓް ކުރާގޮތަށް ކުރިން އޮތްނަމަވެސް މިފަހަރު ބަޖެޓް ހުށަހަޅާނީ މިނިސްޓަރ މަޖިލީހަށް ވަޑައިގެން ބަޖެޓް މަޖިލީހަށް ފޮނުވާ ދުވަހުގައެވެ.

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ޙާލަތުގައި ދަރަންޏާއި މާލީ ޙާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022އިން 2024އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންނަ އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަައެވެ. އަދި މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފެއެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތަަކަށް ބަލާއިރު އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ޑެފިސިޓް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ގާތްކުރެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.