ޚަބަރު

ކޮޕް26ގައި ރާއްޖޭގެ މަޤްޞަދު ޙާސިލްވާނެކަމުގެ އުއްމީދު ބޮޑު: ރައީސް


މުޅި ދުނިޔޭގެ ކުރިމަގާއި ގުޅޭ ތިމާވެށީގެ މުހިއްމު ނިންމުންތަކެއް ނިންމާ، އެންމެ ބޮޑު ބައްދަލުވުން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. މިއީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ދުނިޔެ ހޫނުވުން ހުއްޓުވައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލެއް ގެނައުމަށް ނިންމުންތައް ނިންމަން އެތައް ސަތޭކަ ޤައުމެއް ގުޅިގެން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ. މިއަހަރުގެ ކޮޕް ސަމިޓުގައި 100އަށްވުރެ ގިނަ ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިސަމިޓު ބާއްވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯވގައެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން އުންމީދާއެކުގައި ބައިވެރިވާއިރު ރާއްޖެއިން، ދެކަމެއްގައި ވަރަށްބޮޑަށް ވަކާލާތު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ތިމާވެށީގެ މައްސައްލަ ޙައްލުކުރުމަށް ބޮޑެތި ޤައުމުތަކުން ކުރާ ހޭދަ އިތުރުކުރުމަށާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ފުދުންތެރި ޤައުމުތަކުން ދުނިޔޭގެ ފިހިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރުކުރުމަށް އެއްބަސްކުރުވުމެވެ.

ކޮޕް26 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ދުބާއީގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެފަދަ ކުދި ޤައުމުތަކުން އަބަދުވެސް ވަކާލާތުކުރާ މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަކަމަށެވެ. މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަހަރުގެ ކޮޕް ސަމިޓާއިމެދު ރާއްޖެއިން ކުރާ އުއްމީދު ބޮޑުކަމަށެވެ. އެގޮތުން އެ ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމުތަކުން އެއްބަސްވުމަކާއި ހަމައަށް އާދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކއި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއިން ބޭނުންވާ މަޤްޞަދު ޙާސިލްވާނެކަމުގެ އުއްމީދު މިފަހަރު ވަރަށް ބޮޑުކަމަށެވެ.

"ރާއްޖެފަދަ ކުދި ޤައުމުތަކުން އަބަދުވެސް ވަކާލާތުކުރަމުން މިއަންނަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަ. ޖައްވު ހޫނުވުމުގެ ސަބަބުން އަދި އިންސާނުން ކުރާ ކަންކަމުން ދުނިޔެއަށް އަންނަނަ ބަދަލުތަކުގެ ސަބަބުން މޫސުމަށް މި އަންނަ ބަދަލުތަކާއެކީގައި ހޫނުވެ ތަފާތު އެތައްކަމެއް އަޅުގަނޑުމެންނަށް އިޙްސާސްކުރެވެމުން މިދަނީ. އަޅުގަނޑުމެންގެ އުއްމީދަކީ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ރަނގަޅު އެއްބަސްވުމަކާއި ހިސާބަށް ކޮޕް 26ގައި އާދެވޭނެކަމަށް. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަޤްޞަދާއި ހަމައަށް ހާސިލްވުމުގެ ފުރުޞަތު ވަރަށް ބޮޑު މިފަހަރު." ރައީސް ވިދާޅުވިއެވެ.

ތިމާވެއްޓާއި ބެހޭ ދުނިޔޭގެ އެންމެ ބޮޑު ސަމިޓް ކޮޕް26 މިއީ ދުނިޔޭގެ ކުރިމަގާއި ގުޅޭގޮތުން ބޮޑު ނިންމުމެއް ކޮންމެ ޙާލަތެއްގައިވެސް ނިންމަންޖެހޭ ސަމިޓެއްކަމަށް ދުނިޔޭގެ ގިނަ ޤައުމަކުން ޤަބޫލުކުރެއެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމަށް ވާނެކަމަށް ބައެއް ޤައުމުތަކުން ދެކެއެވެ. އދ.ގެ މޫސުމާބެހޭ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ތިމަވެށީގެ ބައްދަލުވުމަކީ ކޮޕްގައި ހިމެނޭ ޤައުމުތަކުން އެއްބަސްވާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ސަމިޓުގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 1995 ވަނަ އަހަރު ޖަރުމަނުގެ ވެރިރަށް ބަރލިންގައެވެ.