ޚަބަރު

215 ކިލޯގެ ޑްރަގްސް، ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި


މިިދިޔަ ހަފްތާގައި ފުލުހުން ހިންގި އޮޕރޭޝަންގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. 

މިދިޔަ ހަފްތާގެ ބުދަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި މި ތަކެތި އަތުލައިގަތީ ރ. އަތޮޅުގައި އޮންނަ ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ރ.މަޑުއްވަރި، ފިނިފަރު، އުމުރުން 42 އަހަރުގެ ޢަލީ ޝާކިރާއި ހަމަ އެ ރަށު ފެހިއަލި، އުމުރުން 33 އަހަރުގެ ނިމާލް ޢަބްދުލްޙާރިޘްއެވެ. މި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ދެމީހުންނަށް ފާރަލައިގެން ކަނޑުމަތިންނެވެ. އަދި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މީހުން ލޯންޗްގައި އައިސް މަޑުއްވަރީއަށް ވަންނަނިކޮށެވެ. ޑްރަގްސް ފޮރުވާފައި ހުއްޓާ ފެނުނު ފަޅު ރަށަކީ މަޑުއްވަރީން ލޯންޗެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.

މި ދެމީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދަތުރު ކުރި ލޯންޗް މަޑުއްވަރީއަށް އެހެލާ ފުލުހުން ވަނީ އެ ލޯންޗު ބަލާ ފާސްކޮށްފައެވެ. އަދި ލޯންޗްގެ އެތެރެ ކިހާލުމަށްފަހު ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނާއި އެމީހުން އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ.އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައެވެ.

ރ. އަތޮޅުގެ ފަޅުރަށަކުން 215 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާއިރު، މިމަހުގެ 13 ވަނަދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. މިމައްސަލައާ ގުޅިގެން 10 މީހެއް ހައްޔަރުކުރިނަމަވެސް އެކަމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ 2 މީހަކު ވަނީ ދޫކޮށްލާފައެވެ. މި ދެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.