ޒުވާނުންގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ލައިފް ސްކިލް ވޯކްޝޮޕެއް ފަށައިފިއެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އެރަށުގައި އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މީގެ ތެރޭގައި ހިމަނައިގެން ޒުވާނުންނަަށް އަމާޒު ކޮށްގެން ބާއްވާ ލައިފް ސްކިލް ވޯކްޝޮޕް މިހާރުވަނީ ފަށާފައެވެ. މި ވޯކްޝޮޕް ރަސްމީކޮށް ފައްޓަވާދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރ އަލީ އަހުމަދުއެވެ.
5 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ވޯކްޝޮޕްގައި ޖުމްލަ 25 ކުދިން ބައިވެރިވެފައިވެއެވެ. ވޯކްޝޮޕްގެ ސެޝަންތައް ކުރިޔަށް ގެންދަނީ ދެދަން ފަޅިއަކަށް ބަހާލައިގެންނެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަގައިދެނީ ލައިފް ސްކިލް މާސްޓަރ ޓްރެއިނާ އައިމިނަތު ރަޝީދާ އާއި ލައިފް ސްކިލް ފެސިލިޓޭޓަރ ހިދާޔާ މުހައްމަދު ޒާހިރުއެވެ.
މިފަދަ ޕްރޮގްރާމެއް ޒުވާނުންނަށް އަމާޒް ކޮށްގެން ބޭއްވުމުގެ މަޤްސަދަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި އެކަންތައްތައް ދެނެގަންނާނެ ގޮތް އޮޅުން ފިލުވާދިނުން ކަމަށް ލައިފް ސްކިލް މާސްޓަރ ޓްރެއިނާ އައިމިނަތު ރަޝީދާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް މި ޕްރޮގުރާމުން ބައިވެރިންނަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. މިދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މާދަމާރޭ ބެލެނިވެރިންނަށް އަމާޒުކޮށްގެން " ޕޭރެންޓިންގ ސެޝަން ވިތް އަނިލް"ގެ ނަމުގައި ސެޝަނެއް ކުރިޔަށް ގެންދިޔުމަށްވެސްވަނީ ހަމަޖެހިފައެވެ. މިސެޝަން ނަގައިދެއްވާނީ ޝެއިޚް އަނިލްއެވެ.