ޚަބަރު

ކަނޑަށްވެއްޓި ނިޔާވި ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި


ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅު އެރއި ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުކަމަށެވެ. އިއްޔެގެ ހާދިސާގައި ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ފުލުހުން ވިދާޅުވީ އަންހެން މީހާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ކުއްޖާގެ ހޯދުމުގެމަސައްކަތް މިހާރުވެސް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.