ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ކަނޑޫދޫ ފުޑްސެކިއުރިޓީ ޕްރޮގްރާމް ފަށްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ކޮޅުމަޑުލު ކަނޑޫދޫގައި ފަށްޓަވައިދެއްވައި، ފާޓިގޭޝަން ސިސްޓަމް އެރަށުގައި އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެރަށު ކައުންސިލުގެ އިސްނެގުމާއެކު ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒުވެސް ހުޅުވައި ދެއްވާފައެވެ.

ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް، އިފްތިތާޙް ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގެ ތިން ދަނޑުވެރިއަކާ ގަސް ޙަވާލުކޮށްދެއްވާފައެވެ. އަދި ތިމާވެއްޓާ ރަށްޓެހި އޯގަނިކް ގަސްކާނާއާއި ބޭހުގެ ޕެކޭޖް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ޙަވާލުކޮށްދެއްވާފައެވެ. މިއީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކެމިކަލްގެ ބަދަލުގައި އެހެން ބާވަތްތައް ކަނޑޫދުއަށް ތަޢާރަފުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދާ، ޞިއްޙަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ކަނޑޫދޫގެ ގޭބިސީތަކަށް ގަސް ހަދިޔާކުރުމާއި ކަނޑޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެގްރޯ ފޮރެސްޓްރީގެ އުސޫލުން ދަނޑެއް އަޅައިދިނުން މީގެ ތެރޭގައި ހިމެނެއެވެ. މި ދަނޑުގައި ބޭނުންކުރެވޭނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ފެންދެވޭނެ ޒަމާނީ ފެންދޭ ނިޒާމެކެވެ. އަދި މިއާއެކު ގަސްތަކަށް ބޭނުންވާ ކާނާ ފެނާއެކު ފޯރުކޮށްދެވޭނެ ފާޓިގޭޝަން ނިޒާމެއް މި ދަނޑުގައި ހިމެނެއެވެ.

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފަށްޓަވައިދެއްވައި ފާޓިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑޫދޫގެ މިރުސް ދަނޑަކަށް ޒިޔާރަތްކުރައްވައި ދަނޑު ބައްލަވާލައްވާފައެވެ.

ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވުގެ ރަސްމިއްޔާތުގެ ތެރެއިން، އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުވެރިކަމާގުޅޭ އަތްމަތީފޮތެއް ރައީސުލްޖުމްހޫރިއްޔާވަނީ ނެރެދެއްވާފައެވެ. ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން މިމަހުގެ 15އިން 16އަށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ތ.އަތޮޅުގެ 4 ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާ އަދި މި ދެ މުނާޞަބާއާ ގުޅިގެން އެރަށުގައި ކުރިޔަށްގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް 2020ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.