ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެމުންދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ. ސިރާޖު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭގޭ ގޮތަށް ޖަލުތަކުގައި އެތައް އަހަރުތަކެއްވަންދެން އެކިއެކި ފަރާތްތައް ބަންދުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ ފަރާތްތަކާއި، ހެކިބަސް ނެގުމުގެ މަރުހަލާގައިވާ ފަރާތްތަކާއި ހުރިހާ އަޑުއެހުންތައްނިމި ހުކުމް ނުކުރެވި އެތަކެއް ދުވަސް ވެފައިވާ ފަރާތްތައް ހިމެނޭކަމަށެވެ.
ވާނުވާއަށް ހައްލެއް ނުލިބި އޮތްއިރު ދެންއޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ވާނުވާގައިތިބި ފަރާތްތައް ހިމެނޭގޮތަށް ބަންދުކުރެވިފައިވާ އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ސިރާޖުގެ މައްސަލައިގައި ބުނެފައިވެއެވެ.
ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން މިމަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ސިރާޖު ވިދާޅުވެފައިވެއެވެ. އަދި މިކަމަށް އެކަނި ބަލައިލުމުންވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައިގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ބައެއް މެމްބަރުންވަނީ ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ގޮވާލާފައެވެ.
ޝަރީއަތް ނުފެށި ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ބަންދުގައި ތިބުމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. ވާނުވާގައި ބަންދުގައި ތިބޭ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ބޭސްފަރުވާގެ ހައްގުތައް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ މައްސަލައިގައި މެމްބަރުން ވަނީ މިއަދު ޖަލްސާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.